ކ.ހުވަފެންފުށި ދެކުނުން ހިއްކާފައި އޮތް ފަސްގަނޑަށް ދަތުރުގޮސް އުޅެނިކޮށް 30 އޮގަސްޓްގައި ގެއްލިގެން ރިޕޯޓްކުރި ތަސްލީމް މުހައްމަދު އަދިވެސް ނުފެންނަކަމަށާއި އޭނާ ހޯދުމަށް އިންޓާޕޯލް ޔެލޯ ނޯޓިސް އަށް އެދިފައިވާކަމަށް ފުލުހުން ބުނެފި އެވެ.
އޭނާ ގެއްލިފައިވަނީ ރައްޓެއްސަކު ބުނެގެން ކަރަންޓް މަސައްކަތެއް ކުރުމަށް ބަޔަކާއެކު އެ ފަސްގަނޑަށް ގޮސް އުޅެނިކޮށެވެ. ގެއްލުނުތާ މިއަދަށް 15 ދުވަސް ވެފައިވާއިރު އޭނާ ހޯދުމަށް ފުލުހުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
އެގޮތުން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ތަސްލީމް ދަތުރުގޮސް އުޅުނު ފަސްގަނޑު ބަލައިފާސްކުރުމުގެ މަސައްކަތް މެރިން ޕޮލިސް އާއި އެމްއެންޑީއެފްގެ ކޯސްގާޑާއެކު މަސައްކަތް ކޮށްފައިވާކަމަށެވެ. ފުލުހުންނާއި އެމްއެންޑީއެފްގެ ޑައިވިން ޓީމުން ވަނީ އޮގަސްޓް 31 އިން ފެށިގެން ސެޕްޓެމްބަރު 6 ގެ ނިޔަލަށް 943،998 އަކަމީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލާފައިކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
29 އޮގަސްޓްގައި ދިޔަ މި ދަތުރުގައި ތަސްލީމްގެ އިތުރުން 24 މީހަކު ގޮސްފައިވެ އެވެ. މި ދަތުރަކީ އެތަނުން މީހެއްގެ އުފަންދުވަހާއި އެންގޭޖްމަންޓް ފާޓީއެއް ބޭއްވުމަށް ދިޔަ ދަތުރެއްކަމަށް މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ބުނެ އެވެ. ތަސްލީމް ދިޔައީ ޕާޓީގެ ބެކްޑްރޮޕާއި ލައިޓިންގެ ކަރަންޓް މަސައްކަތް ކުރުމަށެވެ.
ތަސްލީމް އެންމެފަހުން ފެނިފައިވަނީ 30 އޮގަސްޓް ދުވަހުގެ ހެނދުނު 7:45 އާއި 9:00 އާ ދޭތެރޭގަ ކަމަށް ފުލުހުން ބުނެ އެވެ. ދަތުރު ދިޔަ މީހުނަށް ތަސްލީމް ނެތްކަން އެނގުނީ 30 ވަނަ ދުވަހު ހެނދުނު 10:00 ގައި އޮންނަ ލޯންޗުން އޭނާ މާލެ ފޮނުވާލުމަށް ހޯދާ ނުފެނުމުންނެވެ.
ފުލުހުން ބުނީ ތަސްލީމްގެ ފޯނާއި ލެޕްޓޮޕްގެ ފޮރެންސިކް ތަހުލީލު ކުރުމާއި، އޭނާ އާއި އިތުރު ބަޔަކު ދަތުރުދިޔަ ލޯންޗު ބަލާފާސްކުރިކަމަށެވެ. މީގެ އިތުރުން ތަސްލީމް އާންމުކޮށް މާލޭގައި ގޮސްއުޅޭ ސަރަހައްދުތައް ބަލައިފާސްކޮށްފައިވެ އެވެ.
ފުލުހުން މައްސަލަ ތަހުގީގު ކުރަމުންދާއިރު ތަސްލީމުގެ އާއިލާއާ ބައްދަލުކޮށް މައުލޫމާތު ސާފުކުރުމުގެ އިތުރުން، އާއިލާއަށް ތަހުގީގު ކުރިއަށްދާގޮތުގެ މައުލޫމާތު ހިއްސާކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.