ފިޔާގެ އިތުރުން ބިހުގެ އަގުވެސް ބާޒާރުގައި ވަނީ އުފުލިފައި. މީގެ އިތުރުން ތަރުކާރީގެ ބާވަތްތަކުން ވެސް އަގު ވަނީ އިންތިހާއަށް އުފުލިފައި.

ދިވެހިން އާންމު ދިރިއުޅުމުގައި ކެއުމުގައި ބޭނުންކުރާ ފިޔާގެ އަގު ބާޒާރުގައި އިންތިހާއަށް އުފުލިއްޖެ އެވެ.

ބާޒާރުމަތީގައި ހޯލްސޭލްކޮށް މިހާރު ފިޔާ ވިއްކަނީ ބަސްތާއެއް 900 ރުފިޔާއަށެވެ.

ބާޒާރުމަތީ ފިހާރަތަކުން ބުނިގޮތުގައި ފިޔާގެ އަގު މިހާ ބޮޑުތަނުން އުފުލިގެން އުޅެނީ ބާޒާރުގައި ފިޔާ ލިބުން ވަރަށް ދަތިވެގެންނެވެ.

މީގެ ކުރިން ފިޔާކިލޯއެއް އާއްމުކޮށް ވިއްކަމުން އައީ 20 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގެ އަގަކަށެވެ. ނަމަވެސް މިއަދު ފިޔާ ކިލޯއެއްގެ އަގު ވަނީ 37 ރުފިޔާ އާއި 40 ރުފިޔާއަށް އުފުލިފަ އެވެ.

މީގެ އިތުރުން ބިސް ލިބުން ވެސް ބާޒާރުގައި ވަނީ ދަތިވެފަ އެވެ. ބިސް ކޭހެއް އަގު 400 ރުފިޔާއާއި 700 ރުފިޔާގެ ދެމެދުގައި ހުރިއިރު، އިތުރަށް މި އަގު މައްޗަށް ދާނެ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.

ފިޔާ އަދި ބިހުގެ އަގު އުފުލިފައިވާއިރު އާންމުގޮތެއްގައި ދިވެހީން ކެއުމަށް ބޭނުންކުރާ ތަރުކާރީގެ ބާވަތްތަކުގެ އަގުވެސް ބާޒާރުގައި ވަނީ އުފުލިފަ އެވެ. މީގެކުރިން ބާޒާރުގައި 25 ރުފިޔާއަށް ލިބެންހުރި ކެރެޓު ކިލޯއެއްގެ އަގު މިއަދު އުޅެނީ 30 ރުފިޔާއާއި 35 ރުފިޔާއާ ދޭތެރޭ އަގެއްގަ އެވެ.

އޭގެ އިތުރުން 350 ރުފިޔާއަށް ކުރިން ވިއްކަމުން އައި ކެބެޖު ބަސްތާއެއްގެ އަގު މިހާރު ވަނީ 750 ރުފިޔާއަށް އުފުލިފަ އެވެ.

މީގެ ކުރިން ބާޒާރުގައި 30 ރުފިޔާއަށް ނުވަތަ 35 ރުފިޔާއަށް ވިއްކި، ލުނބޯ ކިލޯއެއްގެ އަގު މިހާރު ހުރީ 60 ރުފިޔާ އާއި 65 ރުފިޔާއާ ދޭތެރޭ އަގެއްގަ އެވެ. އަދި ކުރިން 65 ރުފިޔާއަށް ކިލޯއެއް ވިއްކި ބީންސްގެ އަގު މިހާރު އުޅެނީ 70 ރުފިޔާއާއި 80 ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ.