ރޭގަނޑު މާ ދަންވަންދެން ހޭލާ އުޅޭނަމަ ހަކުރުބަލި ޖެހުމުގެ ފުރުސަތު 55 ޕަސެންޓް އިތުރުވާ ކަމަށް މިފަހުން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

ޔޫރަޕިއަން އެސޯސިއޭޝަން ފޯ ދަ ސްޓަޑީ އޮފް ޑައަބެޓީސްގެ އަހަރީ ޖަލްސާގައި ހުށައެޅުނު އެ ދިރާސާ ޕޭޕަރުގައި ރޭގަނޑު ހޭލާ އުޅުމާއި ހަކުރު ބައްޔާ ހުރި ގުޅުމަށް ވަނީ އަލިއަޅުވާލާފަ އެވެ.

ރޭގަނޑު ހޭލާ އުޅުމަކީ ފަލަ ބައްޔަށް މަގުފަހިވާ ކަމެއް ކަމަށާއި އެކަމުން ހަކުރު ބަލި ޖެހުމުގެ ފުރުސަތު އިތުރުވާ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.

އެގޮތުން ރޭގަނޑު ހޭލާ އުޅޭނަމަ ހަށިގަނޑުގައި ސަރުބީ ޖަމާވުން އިތުރުވާ ކަމަށާއި މެޓަބޮލިޒަމް ވެސް ދަށްވާ ކަމަށް އެ ދިރާސާގެ ނަތީޖާތަކުން ދައްކަ އެވެ.

މީގެ ކުރިން ހެދިފައިވާ ދިރާސާތަކުން ވެސް މިކަމަށް ބާރުދީފައިވާއިރު އެ ދިރާސާތަކުގައި ވަނީ ރޭގަނޑު ހޭލާ އުޅުމަކީ ދިރިއުޅުމުގައި ގޯސް އާދަތައް އަށަގަންނަން މެދުވެރިވާ ކަމެއް ކަމަށް ބުނެފަ އެވެ.

އެގޮތުން ލަހުން ނިދާ މީހުންނަކީ އާއްމުކޮށް ދުންފަތުގެ އިސްތިއުމާލު ކުރުމާއި މަސްތުވާތަކެތި ބޭނުން ކުރުން ފަދަ ސިއްހަތަށް ގެއްލުން ދެނިވި ކަންތައް ކުރާ ބައެއް ކަމަށް އެ ދިރާސާތަކުގައި ފާހަގަކޮށްފައިވެ އެވެ.