ބޮލީވުޑްގެ ކާމިޔާބު ތަރި ހީނާ ޚާން އަންނަނީ ފިލްމީ މަސައްކަތްތަކުގެ އިތުރުން ވެސް ކެންސަރު ބަލީގައި އޭނާގެ ހިތްވަރު ދައްކަމުންނެވެ.

އެގޮތުން ހީނާ މިވަނީ އުރަމަތީގެ ކެންސަރުގެ ސްޓޭޖް ތިނަކަށް ފަރުވާ ހޯދަމުން ވެސް ފިލްމީ ދާއިރާގެ މަސައްކަތްތައް އަލުން ފަށާފަ އެވެ.

ކެންސަރު ޖެހުނުކަން އިއުލާން ކުރިފަހުން އާއްމުކޮށް ހީނާ މަސައްކަތްކުރާ ފުރަތަމަ ޕްރޮޖެކްޓުގައި އޭނާ ފެންނަނީ ކައިވެންޏަށް ތައްޔާރުވެގެން ހުރި އަންހެނެއްގެ ގޮތުގަ އެވެ.

އެ ޕްރޮޖެކްޓްގެ ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެ ފޮޓޯތަކަށާއި ހީނާއަށް ވެސް އާއްމުންގެ ތައުރީފު އަންނަނީ ލިބެމުންނެވެ.

ހީނާގެ އެ މަސައްކަތުގެ އިތުރު ތަފްސީލެއް އަދި މީޑިއާއަށް ހާމަވެފައި ނުވި ނަމަވެސް އަވަސް މުސްތަގްބަލެއްގައި އެއީ ކޮން ޕްރޮޖެކްޓެއްކަން އިއުލާން ކުރާނެ ކަމަށް ބެލެވެ އެވެ.

ހީނާއަށް ކެންސަރު ޖެހި ފަރުވާ ހޯދަމުން އަންނަކަން އިއުލާން ކޮށްފައިވަނީ މިއަހަރުގެ ޖޫން މަހު އެވެ. އޭގެ ފަހުން އޭނާ އަންނަނީ އެ ދަތުރުގެ އެންމެ ފަހުގެ ހަބަރުތައް އާއްމުންނާ ހިއްސާ ކުރަމުންނެވެ.

ހީނާ އާއްމުންގެ މަގުބޫލުކަން ހޯދާފައިވަނީ ސްޓާ ޕްލަސް އިން ދެއްކި ސީރީޒް "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ"ގައި އޭނާ ދައްކުވައިދިން "އަކްޝަރާ"ގެ ރޯލުންނެވެ.