މާލޭގެ ކަނޑުތޮށި މަރާމާތު ކުރަން ޖަޕާން ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ފޮރިން މިނިސްޓްރީންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެވެ.

ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިސިޒް ތަކެއުޗި މިދޮރި އެވެ.

މިމަޝްރޫއަކީ 'ޑިޒާސްޓާ ރެޒިލިއަންސް އެންހޭންސްމަންޓް އިން މާލެ އައިލަންޑް'ގެ ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ މި މަޝްރޫއެކެވެ. މިއީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި އެއްބަސްވުމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން 20 މިލިއަން ޖަޕާނީސް ޔެން (140،000 ޑޮލަރު) ދޭން ވަނީ ނިންމާފަ އެވެ.

މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ ކަނޑުގެ ލޮނުގަނޑު މައްޗަށް ދިއުމާއި މޫސުމާ ގުޅުން ހުރި ކާރިސާތަކުގެ ނުރައްކާ އިތުރުވުމުން ރާއްޖެ ރައްކާތެރިކުރުމުގައި މި އިސްނެގުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއަކީ ރާއްޖެ އާއި ޖަޕާނާ ދެމެދު ދެމިއޮތް އެކުވެރިކަން ރަމްޒްކޮށްދޭ ކަމެއް ކަަމަށެވެ.

2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއަށް އިޝާރާތް ކުރައްވައި މިނިސްޓަރު ޒަމީރު ފާހަގަކުރެއްވި ގޮތުގައި 1990 ގެ އަހަރުތަކުގައި ޖަޕާން ސަރުކާރުގެ ދީލަތި އެހީތެރިކަމާއެކު ހެދި ކަނޑުތޮށި މާލޭ ސިޓީއާއި އެ ސިޓީގެ ރައްޔިތުންނަށް އެ ކާރިސާއިން ވަރަށް ބޮޑަށް ރައްކާތެރިކަން ލިބުނުކަމަށެވެ.

މިނިސްޓަރު ޒަމީރު ވަނީ ދެގައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުން ފާހަގަކުރައްވައި ޖަޕާނު ސަރުކާރުގެ ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ. މިފަދަ މަޝްރޫއުތަކުން ރާއްޖޭގެ ތަރައްގީގެ ދަތުރުގައި މުހިއްމު ބައިވެރިއެއްގެ ގޮތުގައި ޖަޕާނުން އަދާކުރަމުންދާ ދައުރު ފާހަގަކުރެވޭކަމަށް އޭނާ ވިދާޅުވި އެވެ.