ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުގެ ހެޑްކަން ކުރައްވާފައިވާ ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު (އޭސީޕީ) ކަމަށް ޕްރޮމޯޓްކޮށްފި އެވެ.
އޭސީޕީ ކަމަކީ ޕްރޮމޯޝަން ދެވޭ އެންމެ މަތީ ރޭންކެވެ. އެރޭންކާ ޖެހިގެން އޮންނަނީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުގެ މަގާމެވެ. އެ މަގާމަށް ބޭފުޅުން އައްޔަން ކުރުމުގެ ބާރު ގާނޫނުން ދީފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
ދާއޫދަށް ޕްރޮމޯޝަން ލިބުނު ކަމުގެ ލިއުން ހަވާލުކޮށްދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ.
ދާއޫދަކީ މިހާރު ހުޅުމާލެ ފޮލިސް ސްޓޭޝަންގެ ވެރިޔާއެވެ. އޭނާ ވަނީ ކުރިން ފުލުހުންގެ މުއައްސަސާގައި އޮތް ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑްކަން ކުރައްވާފަ އެވެ. އަދި ފުލުހުންގެ ހެޑް އޮފް ރޯޑް ޕޮލިސްގެ މަގާމާއި ޑިޓެކްޓިވް އިންވެސްޓިގޭޝަން އޮފިސަރުގެ މަގާމުގެ އިތުރުން ޑްރަގް އެންފޯސް ޑިޕާޓްމެންޓްގެ ޑެޕިއުޓީ ހެޑުގެ މަގާމު ވެސް އޭނާ އަދާކުރެއްވި އެވެ.
ފުލުހުންގެ އާ ގާނޫނު އައުމާއެކު ވަޒީފާއިން ވަކިކުރަން ޕޮލިސް ބޯޑުން މިދިޔަ ސަރުކާރުގައި ނިންމި ބޭފުޅުންގެ ތެރޭގައި ވެސް އޭނާ ހިމެނިވަޑައިގަންނަވަ އެވެ. ނަމަވެސް ކޯޓު މަރުހަލާއިން އޭނާއަށް ކާމިޔާބު ވަނީ ލިބިފަ އެވެ.