ރިއަލިޓީ ޝޯ "ބިގްބޮސް 17" ކާމިޔާބުކުރި މުނައްވަރު ފާރޫގީއަށް ލިބުނު މަރުގެ އިންޒާރުތަކަކާއެކު ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އަޅައިފި އެވެ.

އެންޓަޓެއިނާސް ކްރިކެޓް ލީގް 2024 އަށް ދިއްލީއަށް ގޮސް އުޅުނު މުނައްވަރަށް މަރުގެ އިންޒާރު ލިބުމާއެކު ފުލުހުން ވަނީ އޭނާގެ ވަށައިގެން ސެކިއުރިޓީ ވަރުގަދަ ކޮށް އިތުރު ފުލުހުން ޑިއުޓީއަށް ނެރެފަ އެވެ.

އެގޮތުން ދިއްލީގައި އޭނާ ހުރި ހޮޓަލާއި ކްރިކެޓް މެޗު ކުރިއަށް ދިޔަ ސްޓޭޑިއަމް ވެސް ވަގުތުން ހުސްކޮށް މުޅި ސަރަހައްދު އެލާޓަށް ގެނެވުނެވެ.

މި އިންޒާރުތަކުގެ މައުލޫމާތު އެންމެ ފުރަތަމަ ލިބުނީ އިންޑިއާގެ ފުލުހުންނަށެވެ. އިންޓެލިޖެންސްގެ ޒަރީއާއިން ލިބުނު އެ މައުލޫމާތުން މުނައްވަރުގެ ފުރާނައަށް ނުރައްކާ ވެދާނެ ހަމަލާއެއް ރާވަމުން އަންނަކަން އެނގުނެވެ.

ހަބަރުތައް ބުނާ ގޮތުގައި މުނައްވަރަށް ލިބުނު މަރުގެ އިންޒާރުތަކަކީ އިންޑިއާގެ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ ބަޑީގެ ހަމަލާއަކާ ގުޅޭ މައްސަލައެއްގެ ސަބަބުން ލިބުނު އިންޒާރުތަކެކެވެ.

ދިއްލީގައި މުނައްވަރުގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ފުލުހުން ބުނުމުން މިހާރު އޭނާ ވަނީ އަނބުރާ މުމްބާއީއަށް އައިސްފަ އެވެ.

ސެކިއުރިޓީ ސަބަބުތަކާހެދި މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު މީޑިއާއާ ހިއްސާކުރަން ފުލުހުންނާއި މުނައްވަރު ވެސް ވަނީ ދެކޮޅު ހަދާފަ އެވެ.

މުނައްވަރު މަޝްހޫރުވެފައިވަނީ ސަލްމާން ޚާންގެ މަޝްހޫރު ރިއަލިޓީ ޝޯ "ބިގްބޮސް"ގެ 17 ވަނަ ސީޒަން ކާމިޔާބުކުރި ބައިވެރިޔާގެ ގޮތުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ އަމިއްލަ ބައެއް މަސައްކަތްތައް ވެސް ކޮށްފަ އެވެ.