މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް، އިންސްޓަގްރާމް ބޭނުންކުރާ ފުރާވަރު ކުދިންނަށް ހާއްސަ ކޮށްގެން އެ އެޕްލިކޭޝަނަށް ބޮޑު ބަދަލުތަކެއް ގެނެސްފި އެވެ.

އިންސްޓަގްރާމްގެ ބެލެނިވެރި ކުންފުނި މެޓާއިން ބުނެފައިވަނީ އެ ބަދަލުތަކަކީ އެ އެޕްލިކޭޝަން ބޭނުންކުރާ ފުރާވަރު ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ގެނެވުނު ބަދަލުތަކެއް ކަމަށެވެ.

އެގޮތުން އިންސްޓަގްރާމް ބޭނުންކުރާ ފުރާވަރު ކުދިންގެ އެކައުންޓްތައް އޮޓޮމެޓިކްކޮށް ޑިފޯލްޓްއަށް ބަދަލު ކުރެވިފައިވާއިރު 16 އަހަރުން ދަށުގެ ކުދިންނަށް ޑިފޯލްޓް ސެޓިންގްސް ބަދަލު ކުރެވޭނީ ބެލެނިވެރިއެއްގެ ހުއްދައަކާއެކުގަ އެވެ.

ޑިފޯލްޓް ސެޓިންގްސްގެ ދަށުން ކުދިންގެ އުމުރާ ނުގުޅޭ ޕޯސްޓުތައް ނެގޭނެ ކަމަށާއި ކޮމެންޓްތަކުގައި ބޭނުން ކޮށްފައި ހުންނަ ބޭއަދަބީ ބަސްތައް ވެސް ފިލްޓާ ކުރެވޭނެ ކަމަށް މެޓާއިން ބުނެ އެވެ.

މީގެ އިތުރުންވެސް މެދުނުކެނޑި 60 މިނެޓު އިންސްގްރާމް ބޭނުން ކޮށްފިނަމަ އެޕްލިކޭޝަން ބޭނުންކުރުން އެވަގުތަށް ހުއްޓާލަން ނޮޓިފިކޭޝަންއެއް ފޮނުވުމާއި ރޭގަނޑު 10:00 ން ހެނދުނު 07:00 އަށް ސްލީޕް މޯޑް ފީޗާއެއްވެސް ވަނީ ތައާރަފް ކުރެވިފަ އެވެ.

ހަމައެއާއެކު ކުދިންގެ އެކައުންޓްތައް ބެލެނިވެރިންގެ އެކައުންޓްތަކާ ލިންކު ކުރެވި އިންސްޓަގްރާމްގައި ކުދިންގެ ހަރަކާތްތައް ބެލެނިވެރިންނަށް ބެލޭނެ ގޮތެއް ވެސް މި ބަދަލުތަކުގެ ތެރޭގައި ހިމެނެ އެވެ.

އުމުރުން 13 އަހަރުން މަތީގެ ކޮންމެ މީހަކަށް އިންސްޓަގްރާމަށް ވަދެވޭއިރު ފުރާވަރު ކުދިންނަށް އުމުރާ ނުގުޅޭ ޕޯސްޓުތައް ފެނުުމުގެ ޝަކުވާ މީގެ ކުރިން އިންސްޓަގްރާމަށް ލިބެ އެވެ.