އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމުއާއި ދީނީ އިލްމުވެރިޔާ މުހައްމަދު އިޔާޒުގެ ހޫނު ބަހުގެ ހަމަލާތަކާއެކު އާއްމުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މީގެ ދުވަސްތަކެއް ކުރިން މި ދެބޭފުޅުންގެ މެދުގައި މައްސަލަތަކެއް ޖެހިފައިވަނިކޮށް، އަނެއްކާވެސް މައްސަލަ ގޯސްވެފައި މިވަނީ މިއަދު އިސްލާމިކް މިނިސްޓަރު ޝަހީމް ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިޔާޒުއާއި އޭނާގެ އަނބިކަނބަލުންނަށް އިހްތިރާމް ކުޑަވާގޮތަށް ވާހަކަ ދެއްކެވުމާ ގުޅިގެންނެވެ.

ދާދިފަހުން އިޔާޒުގެ އަނބިކަނބަލުން ޝާދިޔާ އިޒްރޭލާ ދެކޮޅަށް ސައުދީ އެމްބަސީ ކައިރީގައި މުޒާހަރާކުރަމުން ދަނިކޮށް އިތުރު މީހަކާއެކު ވަނީ ހައްޔަރުކޮށްފަ އެވެ. ޝާދިޔާ މިނިވަންވުމަށްފަހު ދެއްވި އިންޓަވިއުއެއްގައި ސަރުކާރުގެ އިސްވެރިން އެމީހުންގެ ފިރިންނަށް ގުޅާފައި އެމީހުން ވަރިކުރަން ބުނެފައިވާކަމަށް ތުހުމަތުކޮށްފައިވެ އެވެ.

މިކަމާއި ގުޅިގެން ނޫސްވެރިއަކު ޝަހީމު އިޔާޒުގެ އަނބިކަނބަލުން ވަރިކުރަން އެންގެވިންތޯ ސުވާލުކުރި އެވެ. އޭގެ ޖަވާބުގައި ޝަހީމް ވިދާޅުވީ އިޔާޒުއަށް ނުގުޅާތާ ވަރަށް ގިނަ ދުވަސް ވެއްޖެކަމަށެވެ.

"ޑރ އިޔާޒު މީހުންކައިރީ ކިޔަމުންދަނީ ތިމަންނަ އަންހެނުން ތިމަންނައަށް ކޮންޓްރޯލެއްނުވެޔޭ. ތިމަންނަ ބުނާ ބަހެއް ނާހައޭ. އެހެންވީމަ މީހަކު ބުނެދާނެދޯ ޑރ އިޔާޒު ކަހަލަ "މާތް" ބޭފުޅަކު އެކަހަލަ "ބަސްނާހާ" ކުއްޖަކާއެކު އުޅޭކަށްނުވާނޭ" ޝަހީމް ވިދާޅުވި އެވެ. އެހެން ބުނުމަކީ ސަރުކާރުގެ ފަރާތުން އޭނާއަށް އަންހެނުން ވަރިކުރަން އެންގީކަމަށް ނުވާނެކަމަށް ޝަހީމް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އިޔާޒުވަނީ ވަރަށް ބޮޑަށް ޝަހީމަށް ފާޑުވިދާޅުވެ އެކްސްގައި ޕޯސްޓްތަކެއް ލިޔުއްވާފަ އެވެ.

އިޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ އަންހެނުން ފުލުހުންގެ ހައްޔަރުގައި ހުރި އިރު ރާއްޖޭގެ ވަރަށް ގިނަ އިލްމުވެރިން ތިއްބަވާ ވައިބަރ ގްރޫޕެއްގައި، އަންހެނުންނަށް ނިސްބަތްކޮށް ވަރަށް ހުތުރު ނަންތައް ބޭނުންކޮށް ޝަހީމް މެސެޖް ކުރައްވަމުން ގެންދެވިކަމަށާއި އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވިކަމަށެވެ.

"ރިވެތި އަހްލާގުގެ ވާހަކަ ދައްކަވާއިރު ހިލޭ އަންހެން ކުއްޖެއް އަތުގައި ހިއްޕަވައިގެން މީހެއްގެ ފްލެޓެއްތެރެއަށް ވަދެ ބޮނަކުއާ ބޯން އޮންނެވީ ދުރޫސުލް އަހްލާގުގެ ކިތައްވަނަ ފިލާވަޅުގެ ދަށުންތޯ އަމިއްލަ ނަފްސަށް ސުވާލުކޮށްލެއްވުން ރަގަޅު" އިޔާޒުގެ އެކްސް ކުރެއްވި ޕޯސްޓްގައި ލިޔުއްވާފައިވެ އެވެ.

ބަހުގެ ހަމަލާތަކާއެކު އާއްމުންގެ ފާޑުކިޔުން ދެ ބޭފުޅުންނަށްވެސް ވަނީ އަމާޒުވެފަ އެވެ. އެގޮތުން ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްގައި ބުނެފައިވަނީ ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން އެކަކު އަނެކަކަށް ރައްދު ދެމުން ދަނީ "ވަކަރުގޭ" ކުދިންނަށްވުރެވެސް ދަށުދަރަޖައިގަ ކަމަށާއި އެއީ ހިތާމަހުރި ކަމެއްކަމަށެވެ.

"ދައުލަތުގެ ނިޝާން ޖެހި ޕޯޑިއަމެއްގައި ދައްކަން ޖެހޭ ވާހަކަ އާއި ދައްކަން ނުޖެހޭ ވާހަކަ ހުންނާނެ. ވަޒީރުން ހިފަހައްޓަން ޖެހޭ އަހުލާގީ މިންގަނޑުތަކެއް ހުރޭ. އަންހެނަކަށް ކުޑައިމީސްކޮށް ވަޒީރަކު ރައީސް އޮފީހުގައި ވާހަކަ ދެއްކުމަކީ ހުތުރުކަމެއް" މީހަކު އެކްސްގައި ބުނެފައިވެ އެވެ.