އަތޮޅުތެރެއިން މާލެއަށް ހިޖުރަކުރުމަށްފަހު ދިރިއުޅެންޖެހޭ ހިތްދަތި ހަޔާތް މީގެ އެތައް އަހަރެއް ކުރިން ޅެމަކުން މީހަކު ކިޔާދިން ވާހަކައެއް ސޯޝަލް މީޑިއާގައި ވައިރަލްވެއްޖެ އެވެ.

"މީދާ" މި ނަމުން ނަންދީފައިވާ މި ޅެން ކިޔާދީފައި ވަނީ އައިޝާ ހުސެއިން ރަޝީދު ކިޔާ ސ. ހިތަދުއަށް އުފަން މީހެކެވެ. މިއީ 2016 ގައި ބޭއްވި "ކައްޓި ހިތްވަރު" ފެސްޓިވަލުގައި އަކުރުފޮށި ސްޓޭޖްގައި އޭނާ ކިޔާދީފައިވާ ޅެމެކެވެ. މިޅެމުގައި އޭނާ ކިޔާދީފައި ވަނީ ރަށުގެ ހިތްފަސޭހަކަމާއި މިނިވަންކަން ދޫކޮށްލާ ތައުލީމާއި ވަޒީފާގެ ބޭނުމަށް މާލެ ހިޖުރަކުރަން ޖެހުމުގެ ހިތްދަތިކަމެވެ.

އެ ޅެން ހަދާފައި ވަނީ "ރަށު މީދާ ރަށަށް ގަދަވާނެ" ބުނާ މިސާލު ބަހަށް ބިނާކޮށެވެ. ނަމަވެސް އެ ޅެމުގައި އޭނާ ބުނަނީ ރަށު މީދާ ރަށަށް ގަދަވާނެ ކަމަށް ބުނި ނަމަވެސް "އަހަރެމެންނަކީ ރަށަކު މާލެއަކު ލައްވާނުލި މީދާތަކެއް" ކަމަށެވެ. މި ވާހަކަތައް އައިޝާ ކިޔައިދެނީ ވަރަށް އަޑު އަހާ ހިތްވާ ގޮތަށެވެ.

މުޅި ހަޔާތް އަމިއްލަ ފަސްގަނޑު ނޫން އެހެން ތަނެއްގައި ހޭދަކުރަން ޖެހުމުން ކުރެވޭ އިހްސާސްތަކެވެ. ވަކި ތަނެއްގައި ލައްވާނުލެވުނު ކަމުގެ އިހްސާސްތަކެވެ. ކިތަންމެ ގިނަ ދުވަހަކު މާލޭގައި ދިރިއުޅުނުކަމުގައި ވިޔަސް އަމިއްލަ ތަނެއްކަން އިހްސާސްނުވާ ވާހަކަ އެވެ.

މިހާރު ފޭސްބުކްގައި ދައުރުވަމުންދާ އޭނާގެ މި ހުށަހެޅުމުގެ ވީޑިއޯއަށް ގިނަ ބަޔަކު ވަނީ ކޮމެންޓްކޮށްފަ އެވެ.

މި ކޮމެންޓްތަކުގައި އޭނާގެ ބަސްތަކާއި އޭނާ ސިފަކުރާ ހަގީގަތްތަކަށް ގިނަ ބަޔަކު އެއްބަސްވެފަވެ އެވެ.