މުޅި ރާއްޖޭގެ ތަރައްގީގެ ތަސައްވުރަކާއި، ތަރައްގީގެ ސަބަބުން ލިބޭ ފައިދާ ހުރިހާ ދިވެހިންނަށް ކުރާނެ ތަސައްވަރެއް އޮތީ ހަމައެކަނި އެމްޑީޕީގެ އަތުގައިކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ 69 އިންސައްތަ ނިމިފައިވާކަމަށް މިހާރުގެ ސަރުކާރާއި ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވާ ޚަބަރަކާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ފެށީ އުތުރުގެ އަތޮޅުތަކާއި އަދި މުޅި ރާއްޖޭގެ ތަރައްގީގެ ތަސައްވަރަކާއެކު ކަމަށެވެ. އަދި އެއާޕޯޓް ތަރައްގީކޮށް ނިމުމުން ބޮޑު ތިލަދުންމައްޗަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ސަރަހައްދީ މަރުކަޒަކަށް ވެގެންދާނެކަމަށާއި، މިއީ ބޮޑުތިލަދުންމަތީގެ އިތުރުން އުތުރުގެ އެހެން އަތޮޅުތަކުގެވެސް ތަރައްގީގެ އައު ބާބެއްކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު އިތުރަށް ވިދާޅުވީ މުޅި ރާއްޖެ މިގޮތަށް ތަރައްގީކުރުމުގެ ތަސައްވަރެއް އޮތީ އެމްޑީޕީގައި އެކަނި ކަމަށެވެ. އިންޑިއާ ސަރުކާރުގެ އެހީއާއެކު، ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް އިންޑިއާގެ ޖޭއެމްސީ އާ ހަވާލުކުރީ އެމްޑީޕީ ސަރުކާރުން 2022 ވަނަ އަހަރު އެވެ. އަދި އޭގެ ފަހުން ގިނަ ދުވަސްތަކެއް ނުވެ މިދިޔަ އަހަރު އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. ޝާހިދު ވިދާޅުވީ އެމަސައްކަތުގައި ބައިވެރިވެ، ކުރެވުނު މަސައްކަތާ މެދު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާކަމަށެވެ.