ސްރީ ލަންކާގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބާ ގުޅިގެން، އެ ޤައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން އިލްތިމާސްކޮށްފި އެވެ.

މިކަމާއި ގުޅިގެން އެމްބަސީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، އިންތިހާބާ ގުޅިގެން ލަންކާގެ ސަލާމަތީ ފިޔަވަޅުތައް ވަނީ ހަރުދަނާ ކުރެވިފަ އެވެ. މިކަމާ ގުޅިގެން އެމްބަސީން ދިވެހިންނަށް ވަނީ މުހިންމު އިރުޝާދުތަކެއް ދީފަ އެވެ.

އެމްބަސީން ދީފައިވާ އިރުޝާދުތަކުގެ ތެރޭގައި، ބޭރަށް ނުކުންނައިރު ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންގުޅުމަށް އަންގާފައިވެ އެވެ.

ގިނަ މީހުން ޖަމާވާ ތަންތަނާއި ވޯޓުލާ މަރުކަޒުތަކާ ދުރުހެލިވުމަށާއި ރޭގަނޑުގެ ވަގުތުތަކުގައި ބޭރަށް ނުކުމެ ނޫޅުމަށްވެސް އެމްބަސީން އިރުޝާދުދެ އެވެ.

މީގެ އިތުރުން ފުލުހުންނާއި ސަލާމަތީ ހިދުމަތްތަކުގެ އިރުޝާދުތަކަށް ކިޔަމަންވުމާއި ޒަރޫރީ ތަކެތި ދުރާލާ ހޯދުން އަދި ވިސާއާ ގުޅުންހުރި ކަންކަން ކުރިއާލާ ހަމަޖެއްސުމަށްވެސް އެމްބަސީން އިލްތިމާސްކުރެ އެވެ.

ލަންކާގެ އިގްތިޞާދީ ހާލަތު ދަށްވެފައިވާ މިދަނޑިވަޅުގައި ބާއްވާ ލަންކާގެ ރިޔާސީ އިންތިހާބުގައި 39 ކެންޑިޑޭޓަކު މިފަހަރު ވާދަކުރެ އެވެ. މިއީ ލަންކާގެ ތާރީހުގައި މިހާ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރާ ފުރަތަމަ އިންތިހާބެވެ. މި އިންތިހާބުގައި 17 މިލިއަނަށް ވުރެ ގިނަ މީހުން ވޯޓުލާނެ އެވެ.