އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މަތީ ފަންތީގެ ބޮޑު ވަފުދަކާއެކު، ރައީސް މުހައްމަދު މުއިއްޒު އެމެރިކާއަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު އެމެރިކާގެ ނިއު ޔޯކަށް ފުރާވަޑައިގަތީ މި ރޭ ކަމަށެވެ. އެމަނިކުފާނާއެކު ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް މި ދަތުރުފުޅުގައި ބައިވެރިވެ އެވެ. ނަމަވެސް ވަފުދުގައި ހިމެނޭ ފަރާތްތަކުގެ ތަފުސީލު ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

އާންމު މަޖިލީހުގެ ސެޝަނުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން މި ދަތުރުފުޅުގައި ސެކިއުރިޓީ ކައުންސިލުގެ ހާއްސަ ބަހުސެއްގައި ރައީސް ވާހަކަ ދެއްކެވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. އެމަނިކުފާނު އާންމު މަޖިލީހުގައި ތަގުރީރުކުރައްވާނީ އަންނަ އަންގާރަ ދުވަހެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، މި ދަތުރުގައި ސަމިޓް އޮފް ދަ ފިއުޗާގައި ރައީސް މުއިއްޒު ބައިވެރިވެޑައިގެން، މުހިންމު މަޝްވަރާތަކުގެ ރިޔާސަތު ބަލަހައްޓަވާނެ ކަމަށެވެ.

ބައިނަލްއަގުވާމީ ބައްދަލުވުންތަކުގެ ހަވާސާގައި އާންމު އުސޫލުގެ ދަށުން އެކި ގައުމުތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވައި ބައިލެޓަރަލް އަދި މަލްޓިލެޓަރަލް މަޝްވަރާތައް ކުރިއަށްގެންދަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މި ދަތުރަށްފަހު ރައީސް މުއިއްޒު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު އެވެ.

ރައީސް ބޮޑު ވަފުދަކާއެކު އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގެންފައި މިވަނީ ސަރުކާރުން ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެ އެވެ.