ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕްގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ބޭއަދަބީ ބަހުން ވާހަކަ ދައްކާފައިވާތީ އޭނާއާމެދު ފިޔަވަޅު އެޅުމަށް މަޖިލީހުން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސް އަޕްގްރޫޕްގައި ނޮޅިވަރަމް ދާއިރާގެ މެންބަރު ބޭއަދަބީ ބަހުން މުޚާޠަބުކުރައްވާފައިވާ މައްސަލާގައި، އިމްތިޔާޒާއި ސްލޫކް ކޮމިޓީން މަޖިލީހުގެ ރައީސްއަށް ލަފާދެއްވާފައިވަނީ އެ މެންބަރަށް ލިޔުމުން ނަސޭހަތްތެރިވުމަށް ކަމަށެވެ. އެހެންކަމުން މަޖިލީހުގެ މެންބަރުންގެ ޝަރަފާއި، ކަރާމާތާއި އަބުރު ހިފެހެއްޓުމަށް އެފަދަކަމެއް ތަކުރާރު ނުކުރުމަށް ނޮޅިވަރަމް ދާއިރާގެ މެންބަރަށް ނަސޭހަތްތެރިވެ އެ ލިޔުން މިއަދު ފޮނުއްވާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

"މަޖިލީހުގެ ޤަދަރާއި ޝަރަފާއި ކަރާމާތާއި އަބުރު ދެމެހެއްޓޭނެހެން މެމްބަރުންގެ އަމަލުތައް ބެހެއްޓުމަށްޓަކައި މިފަދަ ކަމެއް ތަކުރާރު ނުކުރުމަށް ނޮޅިވަރަމް ދާއިރާގެ އިއްޒަތްތެރި މެމްބަރު މުޙައްމަދު ނަޝީދަށް ނަސޭހަތްތެރިވަން. އަދި އެ ލިޔުން އަޅުގަނޑު މެމްބަރަށް ފޮނުވާނަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މިއަދުވެސް ރައީސް ނަޝީދާއި މެމްބަރު މޮސްޓާއާ ދެމެދު ބަހުގެ ޙަމަލާތައް ބަދަލު ކުރެވުނެވެ. އެގޮތުން ރައީސް ނަޝީދަށް ނިސްބަތްކޮށް ޢިއްޒަތްތެރި ރައީސްއޭ ވިދާޅުނުވުމުން އެމްޑީޕީ މެމްބަރަކު ނެންގެވި ނިޒާމީ ނުކުތާއާއި ގުޅިގެން މޮސްޓާ ވިދާޅުވީ އިއްޒަތްވަނީ ﷲ އާއި ރަސޫލާއާއި މުއުމިނުންތަކުންނަށް ކަމަށާއި އެކަމެއް މުނާފިގުންނަކަށް ނޭނގޭނެ ކަމަށާއި "މުނާފިޤު" ސޫރަތުގެ 8 ވަނަ އާޔަތް ބައްލަވާލެއްވުމަށެވެ.

އެ ވާހަކަތަކާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ މޮސްޓާއަށް ޤުރުއާނުގެ އާޔަތްތަކާއި ނަންބަރުތަކާއި މާނައާއި އެނގޭނީ ހަމައެކަނި ބައެއް ސޫރަތްތަކާއި ހަމައަށް ކަމަށެވެ. ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވާ ޤުރުއާނުގެ އަޑު ޖެހުނީމަ ޝައިތާނާއަށް ވަރަށް ބޮޑަށް އުނދަގޫވާނެ ކަމަށެވެ.

"ޤުރުއާނުގެ އަޑު ޖެހުނީމަ ޝައިތާނާއަށް ވަރަށް ބޮޑަށް އުނދަގޫވާނެ. އަޑު އަހަންވެސް އުނދަގޫވާނެ. ޤުރުއާނުގެ ވާހަކަ ދެއްކީމަ ބޮލަށް އެނބުރުން އަރާގޮތް ޝައިތާނާއަށް ވާނެ. އެހެންވީމަ އެކަން ހަޖަމު ނުވެގެން މިއަދު ތިއުޅެނީ،" ރައީސް ނަޝީދަށް އިޝާރާތްކުރައްވައި މޮސްޓާ ވިދާޅުވިއެވެ.