ކުދި ގައުމުތަކުން ދަރަނިދެއްކުމުގައި ދާއިމީ ހައްލެއް ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ހިނގަމުން އަންނަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުދި ގައުމުތަކަށް ކުރިމަތިވެފައިވާ ދަރަނީގެ ގޮންޖެހުންތަކުން އަރައިގަތުމަށް، ކްލައިމެޓް ފައިނޭންސާއި ދަރަނިން ލިބޭ ގެއްލުން ލުއިކޮށްދިނުމާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރަންޖެހޭ ކަމަށެވެ.

ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސާވިސްގެ ސްޓްރެޓެޖިކް އެޑްވައިޒަރީ ގްރޫޕްގެ ކޯޗެއާގެ ހައިސިއްޔަތުން ރައީސް ދެއްކެވި ވާހަކަފުޅުގައި، ސިޑްސްގެ ނާޒުކުކަމާއި، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ބެލެހެއްޓުމަށް ސިޑްސްއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. އަދި ދަރަނި ލުއިކުރުމާއި ކްލައިމެޓް ފައިނޭސްއާ ދެމެދު ހަރުދަނާ ގުޅުމެއް އޮންނަންޖެހޭކަމަށް ވަކާލާތުކުރައްވައި، ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސާވިސް (ޑީއެސްއެސްއެސް)ގެ ތެރެއިން ދަރަނި ދެއްކުމަށް އެކަށޭނަ، ފަހިގޮތްތަކެއް ހޯދުމަށް ރައީސް ގޮވާލެއްވި އެވެ. މީގެތެރޭގައި އިންޓްރެސްޓް ރޭޓް ދަށްކުރުމާއި ދަރަނި އަނބުރާ ދެއްކުމުގެ މުއްދަތު ފަސްކުރުންފަދަ ކަންކަމަށް ސަމާލުކަންދިނުމަށް ވެސް ރައީސް ވަނީ ގޮވާލައްވާފަ އެވެ.

އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ހިނގަމުން އަންނަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ބައްދަލުވުމުގައި ރައީސް ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް

ސިޑްސްގެ ގައުމުތަކަށް ކުރިމަތިވެދާނެ ބޭރުގެ ލޮޅުންތައް ކުޑަކޮށް މާލީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ސްޕެޝަލް ޑްރޮވިން ރައިޓްސް އަލުން އެކަށައެޅުމަށް ރައީސް ހުށަހެޅުއްވި އެވެ. މިގޮތުން މަލްޓިލެޓްރަލް ޑިވެލޮޕްމަންޓް ބޭންކުތަކާއި ބައިނަލްއަގްވާމީ މާލީ އިދާރާތަކާއެކު ގާތް ގުޅުމެއް ބޭއްވުމުގެ ތެރެއިން އިތުރު އިންވެސްޓްމަންޓްތަކާއި އިގްތިސާދީ އެކިއެކި ފުރުސަތުތައް ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލައްވާފައިވެ އެވެ.

ރައީސް ވަނީ ސިޑްސްގެ ގައުމުތަކުގެ ތަރައްގީގެ ކަންކަން އަމިއްލަ އިސްނެގުމާއެކު ކުރިއަށްގެންގޮސް އުފެއްދުންތެރިކަން އިތުރުކޮށް، ހަރުދަނާ މުއައްސަސާތައް ބިނާކޮށް، މުޖުތަމައުތައް ބާރުވެރިކޮށް، ސަރުކާރާއި ޕްރައިވެޓް ސެކްޓަރު ގުޅިގެން އެކުގައި މަސައްކަތްކުރުމަށް ގޮވާލައްވާފަ އެވެ. ތަރައްގީވަމުން އަންނަ ކުދިޖަޒީރާ ގައުމުތައް (ސިޑްސް) އިން ބައިނަލްއަގްވާމީ އިގްތިސާދީ ހަލަބޮލިކަމުގެ ތެރޭގައި އެގައުމުތަކުގެ އިގްތިސާދުތައް ސިންދަފާތުކޮށް ކުރިއަށް ދިއުމުގެ މުހިންމުކަން ފާހަގަކުރައްވައި އެ ގައުމުތަކުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުމަށް މާލީގޮތުން ބޭނުންވާ ކަންކަން ހަމަޖެހިގެންދިއުމާއި އަދި ސިޑްސްއަށް ހަމައެކަނި ސަލާމަތުން ކުރިއަށްދެވޭނެ މިންވަރުގެ ބަދަލުގައި އެގައުތަކަށް ފާގަތިކަން ގެނެސްދިނުމުގައި ޑީއެސްއެސްއެސްއަށް މުހިންމު ދައުރެއް އަދާކުރެވޭނެކަމުގެ އުންމީދު އެ މަނިކުފާނު އާ ކުރެއްވި އެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ނިއުޔޯކަށް ވަޑައިގެން، މިއަދު ހެނދުނު އެންމެ ފުރަތަމަ ބައިވެރިވެވަޑައިގެންނެވި ރަސްމީ އިވެންޓެވެ.