މަތީ ތައުލީމު ދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގައި ހަދަން ޖެހޭ އެސައިންޓްމަންޓްތައް އެހެން މީހުން ލައްވައި ހެދުމާއި ގަނެ ވިއްކުމުގެ މައްސަލަ ބޮޑުވެ، އެކަން ހައްލުކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ އެކްރިޑޭޝަން އުސޫލަށް ބަދަލު ގެނައުމަށް ނިންމައިފި އެވެ.

އެގޮތުން އެމްކިއުއޭއިން ވަނީ މަތީ ތައުލީމު ދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ ހުރިހާ ޓެސްޓަކުން 50 ޕަސެންޓު ފާސްވާން ޖެހޭ ގޮތަށް ބަދަލުކުރުމަށް ނިންމާފަ އެވެ.

ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި އެމްކިޔުއޭގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވީ، ކޯސްތަކުގައި ދަރިވަރުންނަށް ހަވާލުކުރާ އެސައިންޓްމަންޓްތައް އެހެން މީހުން ލައްވައި ހަދާ މައްސަލަތައް އެ އޮތޯރިޓީ އަށް ލިބޭ ކަމަށެވެ.

އެކަން ހައްލުކުރުމަށް ކޯސްތަކުގައި ހަދާ އިމްތިހާނުތަކުން 50 ޕަސެންޓު ފާސްވެގެން ނޫނީ އެ ކޯހުން ފާސް ނުވެވޭ ގޮތް ހެދުމަށް ނިންމާފައިވާ ކަމަށް ފިޒާނާ ވިދާޅުވި އެވެ.

ބައެއް މަތީ ތައުލީމު ދޭ މަރުކަޒުތަކުގައި ކިޔަވާ ދަރިވަރުން ކޯސް ނިންމުމަށް ގިނަފަހަރު ފެންވަރު ކަނޑައަޅަނީ ހަދާ އެސައިމަންޓްތަކުންނެވެ. ބައެއް ކޮލެޖް ޔުނިވާސިޓީތަކުގައި ހަމައެކަނި އެސައިންމަންޓުންވެސް ކޯސް ފުރިހަމަކުރުމަށް މާކްސް ދޭކަން ފާހަގަކުރެވެ އެވެ.

ފިޒާނާ ވިދާޅުވީ އެބަދަލު ގެންނަން ނިންމާފައިވަނީ ކަމާގުޅުންހުރި އިދާރާތަކާއި މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށެވެ.

ރާއްޖޭގައި އެސައިންމަޓް އަގުދީފައި ގަނެގެން މަތީ ތައުލީމުގެ ކޯސްތައް ފުރިހަމަކުރާ މައްސަލަ ބޮޑުވެ، 2021 ގައި އަމަލު ކުރަންފެށި މަތީ ތައުލީމުގެ ގާނޫނުގައި ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރަކު އަމިއްލަ އަށް ފުރިހަމަކުރަންޖެހޭ މަސައްކަތެއް އެހެން މީހަކު ލައްވައި ކުރުވައިފި ނަމަ 5،000ރ. އިން އެ ދަރިވަރަކު ޖޫރިމަނާކޮށް، އަގަށް އެފަދަ މަސައްކަތްތައް ކޮށްދޭ މީހުން 10،000ރ. އިން ޖޫރިމަނާ ކުރުމަވެސް ވަނީ ހިމަނާފައިވެ އެވެ.

ނަމަވެސް އަދިވެސް މީހުން ލައްވާ އެސައިންމަންޓް ހެދުމާއި ގަނެ ވިއްކާ މައްސަލައަށް ވަނީ ހައްލު ނުލިބިފަ އެވެ. މިފަދަ ކަންކަން ކުރުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި މަތީ ތައުލީމު ހާސިލުކޮށްގެން ނުކުންނަ ގިނަ ދަރިވަރުންގެ ފެންވަރު ނިސްބަތުން ދައްކަން ވަރަށް ގިނަ ފަރާތްތަކުން ފާހަގަކުރެ އެވެ.