ދުނިޔޭގެ ގިނަ ގައުމުތަކުގައި ޒުވާނުން އެވްރެޖްކޮށް އުމުރުން 18 އަހަރުގައި ވަޒީފާ އަދާކުރަން ފަށަ އެވެ. އެހެން ކަމުން ވިހީގެ އަހަރުތަކަށް އަޅާއިރު ގިނަ ޒުވާނުންނަކީ އާމްދަނީ ލިބޭ ބައެކެވެ.

މީގެ ތިރީހަކަށް އަހަރު ކުރިއާ އަޅާ ބަލާއިރު މިއަދުގެ ޒުވާނުންގެ ވިސްނުން ތަފާތެވެ. އެ މީހުންގެ ދިރިއުޅުމުގައި ހާސިލް ކުރަން ބޭނުންވާ ކަންކަން ވެސް ތަފާތެވެ. ނަތީޖާއަކަށްވަނީ އާމްދަނީ ބޭނުންކުރާ ގޮތް ވެސް ބަދަލު ވުމެވެ. މި ލިޔުމުގައި މި ބަލާލަނީ މިއަދުގެ ޒުވާނުން އެންމެ ގިނައިން ހަރަދުކުރާ ކަންކަމަށެވެ.

ދަތުރު ފަތުރު

ލިސްޓުގެ އެންމެ ކުރީގައި އޮތީ ދަތުރު ފަތުރެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ޒުވާނުންނަށް ލިބޭ އާމްދަނީގެ ގާތްގަނޑަކަށް 34 ޕަސެންޓް ހަރަދު ކުރަނީ ދަތުރު ފަތުރުގެ އެކި ކަންކަމަށެވެ. އެގޮތުން އެވްރެޖްކޮށް ޒުވާނުން އަހަރަކު މަދުވެގެން އެއް ދަތުރު ކުރެ އެވެ.

ފެޝަން

ޝައްކެއް ވެސް ނެތް ގޮތުގައި މިއަދުގެ ޒުވާނުންނަށް ފެޝަނަކީ ވަރަށް މުހިއްމު ކަމެކެވެ. އެންމެ ފަހުގެ އަންނައުނާއި ގަހަނާ ގެންގުޅުމުގެ އިތުރުން ވެސް ސްކިން ކެއާއާއި ހެއާކެއާ ފަދަ ރީތިވުމާ ގުޅުންހުރި ކަންކަމަށް ވެސް ޒުވާނުން އެތައް ހާހުން ހަރަދު ކުރެ އެވެ.

މުނިފޫހި ފިލުވުން

ފިލްމުތަކަށް ދިއުމާއި މިއުޒިކް ކޮންސެޓްތަކަށް ދިއުމުން ފެށިގެން ނެޓްފްލިކްސްއާއި އެ ނޫން ވެސް ސްޓްރީމިން ޕްލެޓްފޯމްތަކަށް ފައިސާ ދެއްކުމަކީ މިއަދު ޒުވާނުންގެ ބަޖެޓުގައި އެންމެ އިސްކަމެއް ދެވިފައިވާ ކަންކަމެވެ.

ތައުލީމު

ވިހީގެ އަހަރުތަކަށް އަޅާއިރު އަސާސީ ތައުލީމު ނިމިފައި އޮތް ނަމަވެސް ވަކި ދާއިރާއަކުން ހާއްސަވާން ބޭނުންވާ ޒުވާނުން މަތީ ތައުލީމު ފެށުމުގެ ކުރިން ވަޒީފާއެއް އަދާކުރަން ހިޔާރު ކުރެ އެވެ. މަގްސަދަކީ ކުރިއަށް އޮތް މަތީ ތައުލީމުގެ ހަޔާތަށް ފައިސާ ރައްކާ ކުރުމެވެ.

ގެދޮރުވެރިކަން

ގެދޮރުވެރިކަމަކީ ލިސްޓުގައިވާ އެހެނިހެން ކަންކަމަށްވުރެ ނިސްބަތުން މުހިއްމުކަން ކުޑަ ކަމަށް ބެލެވިފައިވާ ކަމެއް ނަމަވެސް ޒުވާނުންގެ މެދުގައި ގެދޮރުވެރިކަމަށް ހަރަދުކުރާ މިންވަރު އަންނަނީ އިތުރު ވަމުންނެވެ. އެގޮތުން ވަރަށް ޒުވާން އުމުރުގައި މިއަދުގެ ޒުވާނުން އަމިއްލަ ގެދޮރު ހޯދަ އެވެ.