މުނިފޫހި ފިލުވުމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ އޮސްކާ އެވޯޑުގެ 2025 ވަނަ އަހަރުގެ އަދަދަށް އިންޑިއާއިން ފޮނުވާ ފިލްމުގެ ގޮތުގައި "ލާޕަތާ ލޭޑީސް" ހަމަޖެހިއްޖެ އެވެ.

އާމިރު ޚާންގެ ޕްރޮޑަކްޝަން ހައުސްއިން ޕްރޮޑިއުސްކޮށް އޭނާގެ ކުރީގެ އަންހެނުން ކިރަން ރާއޯ ޑައިރެކްޓް ކޮށްދީފައިވާ އެ ފިލްމު ރިލީޒް ކޮށްފައިވަނީ މިއަަހަރުގެ މާޗް މަހު އެވެ.

"ލާޕަތާ ލޭޑީސް"އަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނުއިރު އިންޑިއާގެ ފިލްމު ކްރިޓިކްސްގެ ފަރާތުން ވެސް އެ ފިލްމަށް ރަނގަޅު ފާޑުކިޔުންތަކެއް ލިބުނެވެ.

ހެއްވާ މަޖާ ކަންތައްތަކެއް ފެންނަ "ލާޕަތާ ލޭޑީސް" އިންޑިއާގެ ހުށައެޅުމުގެ ގޮތުގައި އޮސްކާއަށް ފޮނުވަން ނިންމާފައިވަނީ ފިލްމް ފެޑެރޭޝަން އޮފް އިންޑިއާގެ ޕެނަލަކުންނެވެ.

މި ކާމިޔާބީ ފާހަގަކޮށް އާމިރު ޚާން ވަނީ އޭނާގެ ޝުއޫރުތައް ފާޅުކޮށްފަ އެވެ. އާމިރު ބުނެފައިވަނީ ކިރަންއާއި އޭނާގެ ޓީމާމެދު ފަހުރުވެރިވާ ކަމަށާއި އެ ފިލްމަށް އޮސްކާއަށް ވާދަ ކުރުމުގެ ފުރުސަތު ދިނީތީ މުޅި ފިލްމީ ދާއިރާއަށް ޝުކުރު އަދާކުރާ ކަމަށެވެ.

"ލާޕަތާ ލޭޑީސް"އަކީ ކިރަން އެންމެ ފުރަތަމަ ޑައިރެކްޓްކުރި ފިލްމަށް ވީނަމަވެސް އޭނާގެ ޑައިރެކްޝަންގެ ފެންވަރު ރަނގަޅުކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ.