ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑައިރެކްޓަރު ފަޒުލް ރަޝީދުގެ ގާތް ބަޔަކަށް ކޮރަލްވިލްގެ 9 ޓަވަރުގެ ބޭރު ރެނދުތައް ފިލުވައި، ކުލަލުމުގެ މަސައްކަތް ހަވާލުކުރީ އިންތިހާއަށް ބޮޑު އަގުގައިކަން ފަޅާ އަރައިފި އެވެ.

އެ މަސައްކަތުގެ ބިޑް ކާމިޔާބުކުރި ކަމަށް އެޗްޑީސީން ނިންމި "މެގަވާސް" ކިޔާ ކުންފުންޏަަކަށް މި ޕްރޮޖެކްޓް ދީފައިވަނީ އެއަށްވުރެ އަގުހެޔޮކޮށް އެ މައްސަކަތް ކޮށްދިނުމަށް ބައެއް ފަރާތްތަކުން ހުށަހަޅާފައިވަނިކޮށެވެ. "މެގަވާސް" ކުންފުންޏަކީ މި ސަރުކާރާއެކު އުފެދިފައިވާ 10 މަސްވީ ކުންފުންޏެކެވެ. އެ ކުންފުންޏަކީ ފަޒްލުއާ ގާތް ބައެއްގެ ހިއްސާއޮންނަ ކުންފުންޏެއް ކަމަށް ވެސް "ހުރިހާ" އަށް އެނގިފައިވެ އެވެ.

ހުޅުމާލޭގެ ފްލެޓްތަކުގެ ކުލަލުމުގެ މަސައްކަތަށް މިފަހަރު ހުށަހެޅި އަގުތައް.

ހުޅުމާލޭގައި ހުރި ސޯޝަލް ހައުސިން ބިލްޑިންގްތަކުގެ ތެރެއިން ކޮރަލްވިލްގެ ނުވަ ބިލްޑިންގެ ކުލަލުމުގެ މަސައްކަތް ހަވާލުކުރީ 6.6 މިލިއަން ރުފިޔާ އަށެވެ. ނަމަވެސް ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ޗައިނާ ފްލެޓްގެ 26 ބިލްޑިންގެ އެ މަސައްކަތްތައް އެންމެ ފަހުން ކޮށްފައި ވަނީ 75 ދުވަސް ތެރޭގައި 4.2 މިލިއަން ރުފިޔާ އަށެވެ. އެ މަސައްކަތް ކުރީ ޓިކްޓެކް ކިޔާ ކުންފުންޏަކުންނެވެ. އެ މަސައްކަތް ނިންމުމަށްފަހު ހަވާލުކުރީ މިދިޔަ އޮގަސްޓް މަހު އެވެ.

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ޗައިނާ ފްލެޓްތަކެއްގައި ކުލަލުމުގެ މަސައްކަތް ބަޔަކު ކުރަނީ. ފޮޓޯ: އެޗްޑީސީ

މީގެ ކުރިން ޗައިނާ ފްލެޓްގެ 12 ބިލްޑިންގެ ކުލަލުމުގެ މަސައްކަތް ލިންކް ސިޓީން ކޮށްފައި ވަނީ 90 ދުވަހުގެ ތެރޭގައި 2.3 މިލިއަން ރުފިޔާ އަށެވެ. އެއީ ބިލްޑިންގެއް 199,536.16ރ. އަށެވެ. އަދި ހަމަޖެހިގެން ހުރި ޗައިނާ ފްލެޓްތަކުގެ ތެރޭގައި ހިމެނޭ އޮރަންޖް ފްލެޓްގެ 16 ބިލްޑިންގް މަސައްކަތް ނިންމީ 120 ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް ހަތަރު މިލިއަން ރުފިޔާ އަށެވެ.

ހުޅުމާލޭގެ ފްލެޓްތަކުގެ ކުލަލުމުގެ މަސައްކަތަށް މީގެ ކުރިން ހުށަހެޅި އަގުތައް. މިފަހަރު ޕްރޮޖެކްޓް ހަވާލުކުރީ އެންމެ ކުޑަ އަގު ހުށަހަޅާފައިވާ ޕާޓީ ފެއިލްކޮށްފައި އެންމެ ބޮޑު އަގު ހުށަހެޅި ކުންފުންޏަށް

މިފަހަރު ކޮރަލްވިލްގެ ނުވަ ބިލްޑިންއަކީ ޗައިނާ ފްލެޓް ބިލްޑިންގްތަކަށް ވުރެ ކުޑަ ބިލްޑިންގްތަކެކެވެ. އެތަނުގެ ކުލަލުމުގެ މަސައްކަތް އެޗްޑީސީން ހަވާލުރީ 6.6 މިލިއަން ރުފިޔާއަށެވެ. މިއީ ބިލްޑިންގެއް 734,736.00 ރ. ގެ މަގުންނެވެ.

ހުޅުމާލޭގެ ފްލެޓްތަކުގެ ކުލަލުމުގެ މަސައްކަތަށް މީގެ ކުރިން ހުށަހެޅި އަގު.

މިއީ މީގެ ކުރިން ދުވަހަކު ވެސް އެޗްޑީސީން ހުޅުމާލޭގެ ފްލެޓްތަކުގެ ކުލަލުމުގެ މަސައްކަތް ހަވާލުކުރި އަގެއް ނޫނެވެ. މީގެ ކުރިން 2017 ވަނަ އަހަރު 32 ފްލެޓްގެ ކުލަލުމުގެ މަސައްކަތް ހަވާލުކުރީ ހަ މިލިއަން ރުފިޔާއަށެވެ.

އެޗްޑީސީން މި މަސައްކަތަށް ފުރަތަމަ އިއުލާންކުރީ ވެސް 55 ޕަސެންޓް ފައިސާ އިންސްޓޯލްމަންޓަށް ބަހާލައިގެން 6 މަސް ދުވަހުގެ ތެރޭގައި ދައްކާ ގޮތަށެވެ. މިއީ ސަރުކާރުގެ ކުންފުންޏަކުން މީގެ ކުރިން ދުވަހަކު ވެސް ޕްރޮޖެކްޓެއް ހަވާލުކުރި ގޮތެއް ނޫނެވެ. ނަމަވެސް މި ޕްރޮޖެކްޓް އެންމެ ފަހުން މި ހަވާލުކުރީ އެ މަސައްކަތަށް އެންމެ ބޮޑު އަގު ހުށަހެޅި ޕާޓީއަށެވެ.