ޑީހައިޑްރޭޝަންއަކީ ހަށިގަނޑުގައި އެކަށީގެންވާ ވަރަށް ފެން ނެތުމުން ކުރިމަތިވާ ހާލަތެކެވެ. މިއީ އާއްމުކޮށް އަޅާނުލާ ދޫކޮށްލެވޭ ކަމެއް ނަމަވެސް ބައެއް ހާލަތްތަކުގައި ސިއްހީ އިތުރު މައްސަލަތަކަށް މަގުފަހިވާ ކަމެކެވެ. އެހެންކަމުން ޑީހައިޑްރޭޝަންގެ އަލާމާތްތަކަށް ސަމާލުވެ ކުރިއާލާ ފަރުވާ ކުރުން ވަރަށް މުހިއްމެވެ.

އަނގައާއި ތުންފަތް ހިކުން

ޑީހައިޑްރޭޝަންގެ ހާލަތުގައި އެންމެ ފުރަތަމަ ފެންނަން ފަށާ އަލާމާތަކީ އަނގައާއި ތުންފަތް ހިކުމެވެ. ނަތީޖާއަކަށް ވަނީ އަނގައިން ނުބައި ވަސް ދުވާ ތުންފަތް ހަލާކުވުމެވެ.

ކުޑަކަމުދާ ތަކެތީގެ ކުލަގަދަވުން

ހަށިގަނޑުގައި ފެން މަދުވަމުން އަންނަނަމަ ކުޑަކަމުދާ ތަކެތީގެ ކުލަ ގަދަ ރީނދޫ ކުލައަކަށް ބަދަލުވާނެ އެވެ. އެއާ ޚިލާފަށް އެކަށީގެންވާ ވަރަށް ހަށިގަނޑުގައި ފެން ހުރި މީހެއްގެ ކުޑަކަމުދާ ތަކެތީގައި އެއްވެސް ކުލައެއް ނުހުންނާނެ އެވެ.

ބޮލުގައި ރިއްސުން

ބޮލުގައި ރިހުމަކީ އާއްމު ކަމަކަށްވާއިރު އެއީ އެކަށީގެންވާ ވަރަށް ފެން ނުބޮވޭ ކަމުގެ ނިޝާނަކަށް ވެދާނެ އެވެ. ހަށިގަނޑުގައި ފެން މަދުވުމުން ސިކުނޑިއަށް އޮކްސިޖަން ފޮނުވައިދޭ ލޭ މަދުވެ ބޮލުގައި ރިހެން މަގުފަހިވެ އެވެ.

މާ ބޮޑަށް ވަރުބަލިވުން

ޖިސްމާނީ މާ ބޮޑު ހަރަކާތެއް ނެތި މާބޮޑަށް ވަރުބަލިވާ ކަމަށްވާނަމަ ހަށިގަނޑުގައި ފެން މަދުވީ ކަމަށްވުން އެކަށީގެންވެ އެވެ. ސަބަބަކީ ފެނަކީ ހަށިގަނޑުގައި ވަރު ޖައްސައިދޭ އެންމެ މުހިއްމު އެއްޗަކަށް ވުމެވެ.

މަސްގުޅަ ކެއުން

ދަލުގެ ގޮތުގައި ހަށިގަނޑުން ފެން ބޭރުވެ ހަށިގަނޑުގައި އެކުލެވޭ ފެނުގެ މިންވަރު ދަށްވުމުން އެއްވެސް ސަބަަބަކާނުލާ މަސްގުޅަ ކެއުން އިތުރުވެ އެވެ.