ހޮލީވުޑްގެ ތަރި އެލަން ޑި ޖެނެރެސްގެ ޝޯގައި ވަޒީފާގެ ފުރައްސާރަކުރާ ކަމަށް ބުނެ މައްސަލަ ބޮޑުވެފައިވާ މި ދަނޑިވަޅުގައި އަމިއްލަ ނަފްސާމެދު ފަހުރުވެރިވާ ކަމަށް އޭނާ ބުނެފި އެވެ.

ނެޓްފްލިކްސްގެ އުފެއްދުމެއް ކަމަށްވާ "ފޯ ޔޯ އެޕްރޫވަލް"ގައި އެލަން ވަނީ އޭނާއަށް ކުރެވުނު ތުހުމަތުތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

އެގޮތުން އޭނާއާ ބެހޭގޮތުން މީހުން ދައްކާ ވާހަކައާމެދު އެއްވެސް ކަމެއް އޭނާއަށް ނުކުރެވޭނެ ކަމަށާއި އެހެން ނަމަވެސް ހަގީގަތަކީ ކޮބައިކަން އަމިއްލައަށް އެނގޭ ކަމަށެވެ.

އެއާއެކު ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ބުނި ނަމަވެސް އޭނާއަކީ އަމިއްލަ ނަފްސާމެދު ފަހުރުވެރިވާ މީހެއް ކަމަށް ވެސް އެލަން ބުންޏެވެ.

މީގެ ހަތަރު އަހަރެއްހާ ދުވަސް ކުރިން އެލަންގެ ޝޯ "ދަ އެލެން ޑެ ޖެނެރެސް"ގެ ސެޓުގައި އޭނާގެ މުވައްޒަފުންނަށް އިހާނެތިކޮށް ކަންތައް ކުރާ ކަމަށް ބުނެ އެލަންއަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

މި މައްސަލަ ބޮޑުވެ އެ ޝޯ ހުށައެޅުން އޭނާ ދޫކޮށްލާފައިވާއިރު މިއަދާ ހަމައަށް ވެސް އާއްމުންގެ ތެރޭގައި އޭނާ ބެލެވިފައިވަނީ ރުޅިގަދަ މީހެއްގެ ގޮތުގަ އެވެ.