ކުޑަކުދިންގެ މެދުގައި ނޭވާލުމުގެ ނިޒާމަށް ޖެހޭ ބައްޔެއް ފެތުރޭތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން ބުނީ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއްކަމުގައިވާ ރެސްޕިރޭޓްރީ ސެންސޭޝަލް ވައިރަސް (އާރްއެސްވީ) ކުޑަކުދިންގެ މެދުގައި އާންމުވަމުންދާ ކަމަށެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިންވަނީ އާންމުންނަށް އިލްތިމާސްކޮށްފަ އެވެ. ކުޑަކުދިންގެ މެދުގައި ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ. އަދި އާންމު ސާފުތާހިރުކަމަށް ސަމާލުކަންދިނުމަށާއި، ގައިން ގަޔަށް އަރާ މިބަލިން ރައްކާތެރިވުމަށް މީހުން ގިނައިން އެއްވާ ތަންތަނަށް ކުޑަކުދިން ނުގެންދިޔުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ.

މިބަލިގެ އަލާމާތްތަކަކީ އާންމު ރޯގާގައި ހިމެނޭ ބައެއް އަލާމާތްތައްކަމުން ބައްޔާމެދު އިތުރަށް ސަމާލުވާންޖެހެ އެވެ.

އެޗްޕީއޭއިން ބުނީ ހުން އައިސް ކެއްސާ އަދި ނޭވާލާން އުނދަގޫވެ މެއަށް ތަދުވާނަމަ ސިއްހީ ފަރުވާ ހޯދުމަށް އަވަސްވާންޖެހޭ ކަމަށެވެ. އަދި ބަލީގެ ކުރީކޮޅު ބަލި ދެނެގަނެވިއްޖެނަމަ ފަރުވާދެވި ބަލި ބޮޑުނުވެ ރައްކާތެރިވުމުގެ ފުރުސަތު އޮންނަ ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.

ރެސްޕިރޭޓްރީ ސެންސޭޝަލް ވައިރަސް(އާރްއެސްވީ)އަކީ ނޭވާލާ ނިޒާމަށް ޖެހޭ އާންމު ވައިރަސްއަކުން ޖެހޭ ބައްޔެކެވެ. ބަލީގެ ނުރައްކާ ބޮޑުވަނީ ތުއްތު ކުދިންނާއި، އުމުރުން ދުވަސްވީ މީހުންގެ މެދުގަ އެވެ. އަދި މިބަލީގެ ސަބަބުން އާންމުކޮށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހެނީ ވެސް ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންނެވެ. އަދި މިއީ އަހަރުނުވާ ތުއްތު ކުދިންގެ މެދުގައި ނިއުމޯނިއާ އަދި ބްރޮންކިއޮލައިޓިސް ޖެހުމަށް މަގުފަހިކުރާ އެންމެ އާންމު ބައްޔެވެ.

މި ވައިރަހުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި، ގިނަގިނައިން އަތްދޮވުމާއި، ކެއްސާ ކިނބިހިއަޅާއިރު އަނގައާއި ނޭފަތް ނިވާކުރުމާއި އެފަދަ ކަންކަމަށް ބޭނުންކުރާ ޓީޝޫ ފަދަ ތަކެތި ރައްކާތެރިކަމާއެކު ނައްތާލުން އަދި މީހުން ގިނަ ތަންތަނަށް ދިއުން މަދުކުރުން ހިމެނެ އެވެ.