ހަރަދު ކުޑަކުރުމަށް އަންގާފައިވަނިކޮށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭ މަގުތަކުގައި 17 މޮނިއުމެންޓް ބަހައްޓަން ނިންމައިފި އެވެ.

އެޗްޑީސީން ވަނީ ހުޅުމާލޭގެ ޓްރެފިކް ފްލޯއަށް ފަސޭހަކުރުމަށް މަގުތަކުގައި މިހާރު ހަދަމުން އަންނަ ރައުންޑްއެބައުޓްސްތަކުގައި ބަހައްޓާނެ މޮނިއުމެންޓްތައް ހެދުމަށް، އެ އެއްޗެހި ޑިޒައިންކުރުމުގެ މުބާރާތެއް އިއްޔެ ފަށާފައި އެވެ.

އެކަމާއި ގުޅިގެން އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ހަދަމުން އަންނަ ރައުންޑްއެބައުޓްސްތަކުގައި ބަހައްޓާ މި މޮނިއުމެންޓްތަކުން އެ އަވަށުގެ ލޭންޑްސްކޭޕް ބަދަލުކޮށްލާނެ ކަމަށެވެ. މި މޮނިއުމެންޓްތައް ޑިޒައިންކުރަން ޖެހޭނީ "ދިވެހީންގެ ރާއްޖެ" (ޕީއެންސީގެ ކެމްޕޭން ސްލޯގަން) ރަމްޒުވާނެ ގޮތަށް ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.

މުބާރާތުގައި އެންމެ ފުރިހަމަ ޑިޒައިންތައް ހުށަހަޅާ މީހަކަށް 100،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށްވެސް އެޗްޑީސީން ވަނީ ނިންމާފަ އެވެ.

ދައުލަތުގެ ހަރަދު ކުޑަކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހަރަދު ކުޑަކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ނަމަވެސް އެޗްޑީސީން ހަރަދު ކުޑަކުރުމުގެ ބަދަލުގައި ފެންނަނީ ބޮޑެތި ހަރަދުތަކުން އިސްރާފުކުރުމާއި ކޮރަޕްޝަންއަށް މަގުފަހިވާގޮތަށް ޕްރޮޖެކްޓްތައް ހިންގާތަނެވެ.

އެގޮތުން ދާދި ފަހުން އެޗްޑީސީން ވަނީ ފްލެޓް ތަކެއްގެ ބޭރުގައި ކުލަ ލުމަށް 6.6 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފަ އެވެ. 2-3 މިލިއަން ރުފިޔާއަށްވެސް ހަމަ އެ މަސައްކަތް ކުރުމަށް ބައެއް ފަރާތްތަކުން ހުށަހަޅާފައިވަނިކޮށް، އެ ޕްރޮޖެކްޓް އެވޯޑްކޮށްފައިވަނީ އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދުގެ ގާތް ބަޔަކަށެވެ.