ބޭންކް އޮފް މޯލްޑިވްސްއަށް ރަހުނުކުރި މާލޭގެ ދެ ގެއެއް، ވިއްކާލުމަށް އެ ބޭންކުން އިއުލާނުކޮށްފި އެވެ.

ބީއެމްއެލުން ވިއްކާލުމަށް އިއުލާނުކުރީ މ.ބީޗްކޯނަރ އާއި މ.ނާއިންފަރުއާގެ އެވެ.

މީގެ ތެރެއިން 927.33 އަކަފޫޓްގެ ބީޗްކޯނަރ ގެ ނީލަން ފެށޭ އެންމެ ކުޑަ އަގެއްގެ ގޮތުގައި ބީއެމްއެލުން ކަނޑައަޅާފައިވަނީ 23,888,429.00 މިލިއަން ރުފިޔާ އެވެ. މި ގެ ވިއްކާލުމަށް ބީއެމްއެލުން ނިންމާފައިވަނީ އެ ގޭގެ ވެރިފަރާތަށް ދޫކުރި ލޯނަށް ފައިސާ ނުދައްކައިގެން ސިވިލްކޯޓުން ރަހުނު ވިއްކާލުމަށް ދީފައިވާ ހުއްދައިގެ ދަށުންނެވެ.

މ.ބީޗްކޯނަރ އަށް އަގު ހެށަހެޅުމުގެ ފުރުސަތު އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވެ އެވެ.

ބީއެމްއެލުން ވިއްކާލުމަށް އިއުލާނުކޮށްފައިވާ މ.ނާއިންފަރުއާގެ ނީލަންފެށޭ އެންމެ ކުޑަ އަގަކީ 13،000،000 މިލިއަން ރުފިޔާ އެވެ. މި ގެއަކީ 792 އަކަފޫޓުގެ ބިމެއްގައި އިމާރާތްކޮށްފައިވާ ގެއެކެވެ. ނާއިންފަރުއާގެ އަށް އަގު ހެށަހެޅުމުގެ އެންމެ ފަހު ތާރީހަކަށް ބީއެމްއެލުން ދީފައިވަނީ އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހެވެ.

ބީއެމްއެލުން ބުނީ ގެތައް ވިއްކާލެވޭނީ، މުއްދަތު ހަމަވާ ތާރީހާ ހަމަޔަށް ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެވަގުތު އެތަނަށް ހާޒިރުވެ ތިބި ފަރާތްތަކުގެ ހާޒިރުގައި އެންމެ މަތީއަގު ހުށަހެޅި ފަރާތަކަށް ކަމަށެވެ. ކޮންމެ ދުވަހެއްގެ އެންމެ މަތީއަގު ބީއެމްއެލް ވެބްސައިޓުން ފެންނަން ހުންނާނޭކަމަށްވެސް ބީއެމްއެލުން ބުންޏެވެ.