ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި އެކި މީހުންގެ އަތުން ސްކޭމްތަކުގައި ގެއްލުނު ފައިސާގެ ތެރެއިން 2.2 މިލިއަން ދިވެހި ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މަކަރާއި ހީލަތުން މީހުންގެ އަތުން އެކި ގޮތްގޮތުން ބޮޑެތި އަދަދުތަކުން ފައިސާ ފޭރޭ މައްސަލަތައް މިހާރު ވަނީ އިތުރުވެފަ އެވެ.

ފުލުހުންގެ އިސް ތަރުޖަމާނު އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، މި އަހަރުގެ މިހާތަނަށް ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި ސްކޭމް މައްސަލަތަކުގައި ހިމެނޭ 2.2 މިލިއަން ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށެވެ.

މީގެ ކުރިން ފުލުހުން ބުނި ގޮތުގައި މިދިޔަ ޑިސެމްބަރުން ފެށިގެން ޖެނުއަރީ 31 އާ ހަމައަށް އެކަނި ވެސް ސްކޭމްތަކުގައި 27 މިލިއަން ރުފިޔާ ގެއްލުނެވެ. އެހެންކަމުން އެ އަދަދު މިހާރު އިތުރުވެފައިވާނެ ކަމަށް ބެލެވެ އެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު އެކަނި ވެސް އޮޅުވާލައިގެން ފައިސާ ހޯދުމުގެ 1،661 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރި އެވެ. މިފަދަ އެކި މައްސަލަތަކާ ގުޅިގެން ފުލުހުންނާ ކަމާބެހޭ އިދާރާތަކުން އަންނަނީ ސްކޭމްތަކަށް ސަމާލުވުމަށާއި އެފަދަ މީހުންނާ ބެހޭ ގޮތުން ހޭލުންތެރިކުރުމުގެ މެސެޖުތައް ވެސް އާންމުކުރަމުންނެވެ.