ހިތުގެ ބަލިތަކަކީ ހަމައެކަނި ފިރިހެނުންނަށް ނުރައްކާ އޮތް ބަލިތަކެއް ކަމަށް ހީވެފައި އޮންނަ ހީވުމަކީ ކުށްހީއެއް ކަމަށް މާހިރުން ބުނެފި އެވެ.

ހިތުގެ ބައްޔަށް ހާއްސަ ޑޮކްޓަރުންތަކެއް "ދަ ހާޓް ޖާނަލް"ގައި ލިޔެފައިވާ ލިޔުމެއްގައި ވަނީ އެކި ކަހަލަ ހިތުގެ ބަލިތަކުގައި ހީކުރާ ވަރަށްވުރެ ގިނަ އަންހެނުން މަރުވާ ކަމަށެވެ.

އެގޮތުން ހިތުގެ ބަލީގެ އަލާމާތްތަކަކީ އަންހެނުންނަށް މާ ބޮޑު ކަމެއްގެ ގޮތުގައި އާއްމުންނާއި ބައެއް ސިއްހީ އޮފިޝަލުން ވެސް ނުދެކޭ ކަމަށާއި އެހެންނަމަވެސް އެއީ ގޯހެއް ކަމަށް އެ ލިޔުމުގައިވެ އެވެ.

"އިނގިރޭސި ވިލާތުގެ އިތުރުން މުޅި ދުނިޔޭގައި ވެސް އެންމެ ގިނަ އަންހެނުން ދުނިޔެ ދޫކުރާ އެއް ސަބަބަކީ ހިތުގެ ބަލިތައް" ލިޔުމުގައި ބުނެފައިވެ އެވެ.

ހިތުގެ ބަލިތަކަކީ ހަމައެކަނި ފިރިހެނުންނަށް ޖެހޭ ބައްޔެއް ކަމަށް ހީވެފައި އޮތުމަކީ ކުށްހީއެއް ކަމަށް ފާހަގަ ކުރަމުން ޑޮކްޓަރުން އިތުރަށް ބުނެފައިވަނީ ހިތުގެ ބަލީގެ ނުރައްކާ ދެ ޖިންސަށް ހަމަހަމަ ކަމަށެވެ.

"ހިތުގެ ބަލީގެ އަލާމާތްތަކަށް ފަރުވާކުޑަ ކުރެވުމުގެ ސަބަބުން ސަލާމަތް ކުރެވިދާނެ އެތައް އަންހެނުންނެއްގެ ފުރާނަ މިހާތަނަށްވެސް ގެއްލިފައިވޭ" ލިޔުމުގައިވެ އެވެ.

ހިތުގެ ބަލީގެ އާއްމު އަލާމާތްތަކުގެ ތެރޭގައި ބޯ އެނބުރުމާއި އަވަހަށް ވަރުބަލިވުން އަދި މެއާއި ބޮލުގައި ރިއްސުން ފަދަ ކަންކަން ހިމެނެ އެވެ.

އެހެން ކަމުން ހިތުގެ ބަލީގެ އަލާމާތެއް ފެންނަ ނަމަ ލަސްނުކޮށް ވީހާވެސް އަވަހަކަށް ހިތުގެ ބައްޔަށް ހާއްސަ ޑޮކްޓަރެއްގެ ލަފާ ހޯދަން ސައިންސްވެރިން ބާރުއަޅަ އެވެ.