ތުރީ ޑީ ޕްރިންޓިންގްގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދުނިޔޭގައި އިމާރާތްކުރާ އެންމެ ފުރަތަމަ ހޮޓެލް ނިމުމަކާ ގާތްވެފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.

އެމެރިކާގެ ޓެކްސަސްގައި އިމާރާތްކުރާ މި ހޮޓަލަކީ އިމާރާތް ކުރުމުގެ އެންމެ ކުރީގެ ގޮތްތައް ދޫކޮށް މުޅިން އާ ދައުރެއް ފައްޓައިދޭނެ ބޮޑު އިންގިލާބެއް ކަމަށް އެ ދާއިރާގެ މާހިރުން ބުނެ އެވެ.

އުސް މިނުގައި 12 ފޫޓު ހުންނަ ފާރުތަކާއެކު ހަދަމުން އަންނަ އެ ހޮޓަލަކީ އެންމެ ފަހުގެ އާކިޓެކްޗަރަލް ފަރުމާތައް ހިމެނޭ ތިން ކޮޓަރީގެ ހޮޓަލެކެވެ.

މި ހޮޓަލުގެ ޑިޒައިންއަކީ އާއްމު އިމާރާތް ކުރުމުގެ އުުކުޅުތައް ބޭނުންކޮށްގެން އިމާރާތް ކުރަން އުނދަގޫވާނެ ޑިޒައިނެއް ކަން ފާހަގަ ކުރަމުން މާހިރުން ބުނީ މިކަމުގައި ގިނަ ހަރަދުތަކެއް ވެސް ސަލާމަތް ކުރެވޭނެ ކަމަށެވެ.

https://www.youtube.com/watch?v=2FtNA9J1YsA

"އެލް ކޮސްމިކޯ" ނަަމަކަށް ކިޔާ އެ ހޮޓަލް އެއްކޮށް ނިމޭއިރު އާއްމު ހޮޓަލްތަކާ މާބޮޑު ތަފާތެއް ނުފެނުނު ނަމަވެސް އިމާރާތުގެ ފެންވަރާއި މެއިންޓެއިނެންސް ވެސް އެތައް ތަނެއް ރަނގަޅުވާނެ ކަމަށް އެކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެ އެވެ.

ތްރީ ޑީ ޕްރިންޓިންއަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތްރީ ޑައިމެންޝަނަލް އުފެއްދުންތައް ބޭނުންކުރަން ތައްޔާރަށް ހުންނަ ގޮތަށް އުފައްދާ ޓެކްނޮލޮޖީ އެކެވެ.

މި ޓެކްނޮލޮޖީއާއެކު އިމާރާތުގެ ފާރުތަކާއި ތަނބުތަކުގެ އިތުރުން ވެސް ބޭނުންވާ އެހެނިހެން ސްޓްރަކްޗަރަލް ޑިޒައިންތައް އުފެއްދޭނެ އެވެ.

މިއީ ކުރިއަށް އޮތް ތަނުގައި އިމާރާތް ކުރުމުގެ ދާއިރާ އިތުރަށް ކުރިއަރައި އެކަމަށް ހޭދަވާ ހަރަދާއި އިންސާނީ ހުނަރު މަދު ކުރުވާނެ ކަމެކެވެ.