އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކޮވިޑަށް ޕޮޒިޓިވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އާޒިމް ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ރޭގެ ވަގުތެއްގަ އެވެ.

މާލޭގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުން އަންނާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. ނަމަވެސް އެޗްޕީއޭގެ އެންގުންތަކަށް އެކަށީގެންވާ މިންވަރަކަށް އަމަލުނުކުރާކަން ހިތާމަޔާއެކު ޑޮކްޓަރުން އަންނަނީ ފާހަގަކުރަމުންނެވެ.

ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްތައް މިވަގުތު 2000 އިން މަތީގައި ހުރިއިރު، މި ބަލީގައި މިހާތަނަށް ޖުމްލަ 63 މީހަކު ވަނީ ރާއްޖެއިން މަރުވެފަ އެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް ވެކްސިން ޖެހުމުގެ މަސައްކަތް މިދިޔަ މަހުގެ ފުރަތަމަ ދުވަހު މާލޭ ސިޓީގައި ވަނީ ފަށާފަ އެވެ. މިހާތަނަށް 90،000 އަށް ވުރެ ގިނަ މީހުން މާލޭ ސިޓީން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެ އެވެ. ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެފައި ވަނީ އަންނަ ހޯމަ ދުވަހު މާލޭ ސިޓީގައި ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށައި ފުރަތަމަ ޑޯޒް ދިނުން ހުއްޓާލާނެ ކަމަށެވެ.