އިތުރު ވަގުތުގައި ސާޖިއޯ އޮލިވިއޭރާ ޖެހި ލަނޑާއެކު، ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ޔުވެންޓަސް ކަޓުވާލުމަށް ފަހު، އަވޭ ގޯލުން ޕޯޓޯ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގުގައި ޔުވެންޓަސް އިން 3-2 އިން ކުރި ހޯދި ނަމަވެސް، ޕޯޓޯ އަށް ކުއާޓާ އިން ޖާގަ ލިބުނީ ރަށުން ބޭރުގައި ޖެހި ދެ ލަނޑުންނެވެ. އެގްރިގޭޓް ނަތީޖާ އަކީ 4-4 އެކެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ޕޯޓޯ އަށް ލީޑު ހޯދައިދިނީ ވެސް އޮލިވިއޭރާ އެވެ. އެކަމަކު ދެވަނަ ހާފުގައި ފެޑެރީކޯ ކިއޭޒާ ޖެހި ދެ ލަނޑާއެކު ޔުވެންޓަސް އިން ކުރި ހޯދި އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވައިރު، އެގްރިގޭޓް ނަތީޖާ އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރު ވަގުތުގެ ދެވަނަ ހާފުގައި އޮލިވިއޭރާ ޕޯޓޯ އަށް ލަނޑު ޖަހައިދިނީ ހިލޭ ޖެހުމަކުންނެވެ. އޭގެ ދެ މިނިޓު ފަހުން އެޑްރިއަން ރަބިއޯ ލަނޑު ޖަހައި، ޔުވެންޓަސް އަށް އުންމީދު އާކޮށްދިން ނަމަވެސް، މެޗުގެ ބާކީ އޮތް ބައިގައި އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބެއް ނުކުރެވުނެވެ.

މި ނަތީޖާއާއެކު ޔުވެންޓަސްގެ ކޯޗު އަންދްރެއާ ޕިރްލޯ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. އިޓާލިއަން ކަޕްގެ ފައިނަލަށް ޔުވެންޓަސް ދަތުރުކުރި ނަމަވެސް، އިޓާލިއަން ލީގުގައި އެ ޓީމު އޮތީ ތާވަލްގެ އެއްވަނައިގައި އޮތް އިންޓަ މިލާނަށްވުރެ 10 ޕޮއިންޓް ފަހަތުގަ އެވެ. – ބީބީސީ