އެރްލިންގް ބްރައުޓް ހާލާންޑްގެ ލަނޑުތަކާއެކު ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި ރޭ ސެވިއްޔާއާ 2-2 އިން އެއްވަރުކޮށް، ބޮރުޝިއާ ޑޯޓްމަންޑް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ޑޯޓްމަންޑް ކުއާޓާ އަށް ދަތުރުކުރީ 4-5ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެނެވެ.
ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު މެޗުގެ 35 ވަނަ މިނިޓުގައި ހާލާންޑް އެ ޓީމަށް ލީޑު ހޯދައިދިނީ މާކޯ ރެއުސް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
އަދި ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން، ހާލާންޑް ވަނީ ޑޯޓްމަންޓްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. ސެވިއްޔާގެ ދެ ލަނޑު ވެސް ޖަހައިދިނީ ޔޫސުފް އަލް ނެސީރީ އެވެ.
މިއީ 2016 / 2017 ވަނަ އަހަރުގެ ސީޒަނަށް ފަހު ޑޯޓްމަންޑް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
މި މެޗުގައި ޖެހި ދެ ލަނޑާއެކު، ހާލާންޑް ވަނީ ޗެމްޕިއަންސް ލީގުގައި 14 މެޗުން 20 ލަނޑު ހަމަކޮށްފަ އެވެ. ހާލާންޑް އަކީ އުމުރުން 21 އަހަރު ފުރުމުގެ ކުރިން ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ.
އަދި ޗެމްޕިއަންސް ލީގުގައި ހާލާންޑް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ކޮންމެ މެޗެއްގައި ވެސް އޭނާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. – ބީބީސީ