ރާއްޖެއަށް ވޭޕްކުރަން ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އެތަކެތި ބޭނުންކުރުން މަނާކުރަން ސަރުކާރުން މިއަދު ނިންމި ނިންމުން ތަންފީޒުކުރުމަށް ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން މި ހަފްތާ ތެރޭގައި އިސްލާހުތައް ރައްޔިތުން މަޖިލީހަށް ފޮނުއްވާނެ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އެކްސްގައި އުޝާމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާހު ގެންނަން ނިންމާފައި ވަނީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށާއި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސްގެ ނިންމެވުން ތަންފީޒު ކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް މިހަފުތާގެ ތެރޭގައި މަޖިލީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ވޭޕު މަނާ ކުރަން ރައީސް މުހައްމަދު މުއިއްޒު ނިންމާފައިވާކަން މިއަދު ވަނީ އިއުލާން ކުރައްވާފަ އެވެ. އެގޮތުން ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން އަންނަ ނޮވެމްބަރުން 15 އިން ފެށިގެން މަނާކުރާނެ އެވެ. މީގެ އިތުރުން ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭ ބެހުން އަންނަ 15 ޑިސެމްބަރުން ފެށިގެން މަނާވާނެ އެވެ.
"އަޅުގަނޑުމެންގެ ޅަދަރިންނާއި ޒުވާނުން އަދި ގައުމުގެ ހުރިހާ ރައްޔިތުންގެ ހައްގުގައި ރައީސް ނިންމެވި ނިންމެވުމަށް މަރުހަބާ ދަންނަވަން،" އުޝާމްގެ ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ.