އިންޑިއާގެ "ޔުނިފައިޑް ޕޭމަންޓް އިންޓަރފޭސް" (ޔޫ.ޕީ.އައި) ރާއްޖެއަށް ތަޢާރުފުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރިއަށްގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް މިގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުގަ އެވެ.

އެގޮތުން ޔުނިފައިޑް ޕޭމަންޓް އިންޓަރފޭސް، (ޔޫ.ޕީ.އައި) ތަޢާރަފުކުރުމަށްޓަކައި، ކޮންސޯޓިއަމްއެއް ގާއިމުކުރުމަށް ވަނީ ނިމާފަ އެވެ. އަދި މި ކޮންސޯޓިއަމްގައި، ރާއްޖޭގެ ބޭންކުތަކާއި، ޓެލެކޮމް ކުންފުނިތަކާއި، ސަރުކާރުގެ ކުންފުނިތައް އަދި ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ފިންޓެކް ކުންފުނިތައް ހިމެނުމަށް ހަމަޖެހިފައިވެ އެވެ. މި ކޮންސޯޓިއަމް ލީޑް ކުރާނެ އޭޖެންސީއަކަށް ހަމަޖެއްސީ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑެވެ.

މީގެ އިތުރުން ޔޫ.ޕީ.އައި ގާއިމުކުރުމުގެ މަސައްކަތް ވިލަރެސްކުރުމަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ލީޑް ކުރާގޮތަށް، މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ހިމެނޭ އިންޓަރ އޭޖެންސީ ކޯޑިނޭޝަން ޓީމެއް އެކުލަވައިލުމަށްވެސް ރައީސް ނިންމަވާފައިވެ އެވެ.

ޔޫޕީއައި އަކީ އިންޑިއާގެ ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން (އެންޕީސީއައި) އިން ތަރައްގީކޮށްފައިވާ ރިއަލް ޓައިމް ޕޭމަންޓް ސިސްޓަމެކެވެ. އެއީ ގިނަ ބޭންކް އެކައުންޓްތަކެއް އެއް މޯބައިލް އެޕްލިކޭޝަނަކާ ގުޅުވައި، ބޭންކިންގެ ބައެއް ފީޗާސްތަކާއި، ސީމްލޭސް ފަންޑް ރޫޓިން އާއި، މާޗެންޓް ޕޭމަންޓްތައް އެއް ޕްލެޓްފޯމަކަށް އެއްކޮށްލެވޭ ހިދުމަތެކެވެ.