މަގުމަތީގައި ސަލާން ޖަހަން އުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުން ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރަށް ގެންދަން ފަށާފައިވާކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ބުނެފި އެވެ.
އެންޑީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ މަގުމަތީގައި މަސްތުވާތަކެތި ބޭނުންކޮށްގެން އުޅޭ މީހުންނާއި ސަލާން ޖަހަން ތިބޭ މަސްތުވާތަކެތި ބޭނުން ކުރާ މީހުން ހިމެނޭ ގޮތަށް 14 މީހަކު ވަނީ މިހާތަނަށް އެ ސެންޓަރަށް ގެންގޮސް ފަރުވާދޭން ފަށާފަ އެވެ.
މަގުމަތީގައި މަސްތުވާތަކެތި ބޭނުންކޮށްގެން އުޅޭ މީހުންނާއި ސަލާން ޖަހަން ތިބޭ މަސްތުވާތަކެތި ބޭނުން ކުރާ މީހުން ނެގުމަށް ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމެންޓާއި ގުޅިގެން ރިމާންޑް އޮޕަރޭޝަންގެ ނަމުގައި އޮޕަރޭޝަނެއް ކުރިޔަށް ގެންދާކަމަށާއި ސެންޓަރުތަކަށް ގެންދާ މީހުން މަސްތުވާތަކެތިން ނުކުތުމަށް ދޭން ބޭނުންވާ ފަރުވާތައް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފަ އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑްރަގް އޭޖެންސީ ބޯޑުގެ ޗެއާމަން ލުބްނާ މުހައްމަދު ޒާހިރު ވިދާޅުވީ ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރުތައް ހިންމަފުއްޓާއި ހުޅުމާލޭގައި ގާއިމުކޮށްފައިވާކަމަށެވެ.
ފުލުހުންގެ ޑްރަގު އެންފޯސްމެންޓް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ނާހިދު ވިދާޅުވީ، މި އޮޕަރޭޝަނުގެ މަގްސަދަކީ މަސްތުވާތަކެތީގެ ތެރޭގައި އުޅޭ މީހުން ފަރުވާގެ ނިޒާމްގެ ތެރެއަށް ވެއްދުމަށްޓަކައި ގާނޫނުގެ ތެރެއިން ބަންދުކޮށްގެން ފަރުވާއަށް ގެންދިއުން ކަމަށެވެ.