ރާއްޖެ އެތެރެކުރުން މަނާކުރަން ނިންމާފައިވާ ވޭޕާއި އިލެކްޓްރިކް ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް މުހައްމަދު ހުށަހެޅި އެ ބިލްގައި ވަނީ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އިލެކްޓްރިކް ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑު ކުރަނީ އެތަކެތި ރާއްޖެއަށް އެތެރެ ކުރުން މަނާ ކުރުމާ ހަމައަށް ކަމަށެވެ.

އެ ބިލްގައިވާގޮތުން އެ މުއްދަތުގައި ދިވެހިރާއްޖެއަށް އެތެރެކުރާ ތަކެތިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑު ކުރުމުގެ ބޭނުމަކީ އެފަދަ ތަކެތި ބޭނުންކުރާ މީހުންގެ އުޅުމަށް ބަދަލު ގެނައުމެވެ.

އިލެކްޓްރޯނިކް ސިނގިރެޓަށް ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އެނޫން ވެސް އާލާތްތަކަށް އަޅާ ފްލޭވާ އާއި ކެމިކަލުން ނަގާ ޑިއުޓީ 50 ޕަސެންޓަށް އަދި މިލިލީޓަރަކަށް 8 ރުފިޔާއަށް ބޮޑު ކުރަން އެ ބިލްގައި ހިމަނާފައިވެ އެވެ.

ހީޓެޑް ޓޮބެކޯ ޕްރޮޑަކްޓްސް ނުވަތަ ރޯ ކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތައް އުފައްދާފައި ހުންނަ ދުންގަތުގެ އުފެއްދުންތަކުން ނަގާ އިމްޕޯޓު ޑިއުޓީ 50 ޕަސެންޓު އަދި ސްޓިކަކުން 8 ރުފިޔާ އަށް ބޮޑު ކުރުމަށް ވެސް އެ ބިލްގައި ހިމަނާފައިވެ އެވެ.

ސިނގިރޭޓަކުން އަދި ބިޑިއަކުން ނަގާ ޑިއުޓީ 8 ރުފިޔާއަށް ބޮޑު ކުރަން ވެސް އެ ބިލްގައި ހިމަނާފައިވެ އެވެ.

ސަރުކާރުން މިފަދަ ބިލެއް ހުށަހަޅާފައި މިވަނީ ސަރުކާރުގެ ހަރަދުތައް ބޮޑުވެ އާންދަނީ އިތުރުކުރަން ހާއްސަ ފިޔަވަޅުތަކެއް އަޅާނެކަމަށް އިއުލާން ކޮށްފައިވަނިކޮށެވެ.