މިދިޔަ އަހަރު އެކަނިވެސް ރާއްޖެ އަށް 15،551 ސައިކަލް އެތެރެ ކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ މިދިޔަ އަހަރު 15،551 ސައިކަލް އަދި 1،347 ކާރު ރާއްޖެ އަށް އެތެރެ ކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮންމެ އަހަރަކު ވެސް 10،000 އަށްވުރެ ގިނަ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރާ ކަން މީގެ ކުރީގެ ތަފާސްހިސާބުތަކުން އެނގެ އެވެ. އޭގެ 90 ޕަސެންޓަކީ ސައިކަލެވެ. ވެރިރަށް މާލޭގައި އާދަޔާ ހިލާފަށް ވެހިކަލްތައް ގިނަވެ އެކަމުގެ ސަބަބުން ތަފާތު އެކި މައްސަލަތައް އަންނަނީ ދިމާވަމުންނެވެ. ނަމަވެސް މިކަން ހައްލުކުރަން މިހާތަނަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

ރައްޖޭގައި އެއްގަމު އުޅަނދުތައް ކޮންޓްރޯލްކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅަން ސަރުކާރުން ވަނީ ނިންމާފަ އެވެ. އެކަމާ ގުޅޭގޮތުން ގާނޫނަށް ގެންނަން ހުށަހަޅާނެ އިސްލާހުތަކާ މެދު މަޝްވަރާކޮށް ގޮތެއް ނިންމަން ހާއްސަ ކޮމިޓީއެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެކުލަވާލާފަ އެވެ.

މާލޭގައި ވެހިކަލްތައް ގިނަވެ މަގުތައް ތޮޖެހުމުގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކުރުމަށް ފުލުހުން ވެސް އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގިނަ އަދަދެއްގެ ފުލުހުން މަގުތައް ބެލެހެއްޓިމަށް ނެރެ ގަވާއިދާ ހިލާފުވުމުން ވެހިކަލްތައް ޓޯކުރާ އުސޫލު ވަނީ ހަރުކަށިކޮށްފަ އެވެ.