ރާއްޖޭގައި ވައިގެ ބަނދަރެއް ހަދައި، ޓޫރިޒަމް ފަށައި ތަރައްގީ ކުރުމާއި ރޭޑިއޯ އާއި ޓީވީ އާއި ޓެލެފޯނުގެ ޚިދުމަތާއި މަސްދޯނީގައި އިންޖީނު އަޅައި، ބާނާ މަހަށް ވަގުތުން ފައިސާ ލިބޭނެ ގޮތް ހެދުން ފަދަ އެތައް ކަމެއް ތައާރަފުވީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އެމަނިކުފާނު ކުރެއްވި ކަމެއްގެ ގޮތުގަ އެވެ.

އެމަނިކުފާނަށް އެ ހުރިހާ މަސައްކަތެއްގައި އެންމެ މުގުލުގައި ހުންނަވައިގެން އަމަލީ މަސައްކަތް ކޮށްދެއްވައި ޕްރޮޖެކްޓްތައް ހަގީގަތަކަށް ހައްދަވައި ދެއްވީ މަރުހޫމު އަލީ އުމަރު މަނިކެވެ. އާންމު ބަހުން ނަމަ ކޮލި އަލިމަނިކެވެ.

ނާސިރު އަދާކުރައްވަމުންގެންދެވި މަސްއޫލިއްޔަތުން އިސްތިއުފާ ދެއްވީ، އެ މަގާމަށް މައުމޫނު އަބްދުލް ގައްޔޫމަށް ވަޑައިގެންނެވޭނެ ހުރިހާ މަގެއް ފަހި ކޮށްދެއްވައިފަ އެވެ. އޭގެ އިތުރުން އެމަނިކުފާނަށް އެހީތެރިވެވަޑައިގެންނެވުމަށް ދެ އަހަރު ދުވަހު ސަރުކާރުގައި މަޑުކޮށްދެއްވުމަށް އަލީ މަނިކުގެ އަރިހުން އެދި ވަޑައިގެންނެވި އެވެ. އޭރު އަލި މަނިކު އޮތީ 20 އަހަރުގެ ގައުމީ ޚިދުމަތަށް ފަހު ޕެންޝަން ލިބިވަޑައިގެންނެވުމުން ވަޒީފާއިން ވަކިވެވަޑައިގަތުމަށް ނިންމަވައިފަ އެވެ. އެހެން ނަމަވެސް ނާސިރުގެ އެދިވަޑައިގަތުމަށް އަލި މަނިކު މަޑުކުރެއްވީ މައުމޫނަށް ބޭނުންވާ އެހީތެރިކަމެއް ދެއްވުމަށެވެ.

އޭރު އަލި މަނިކަކީ ރާއްޖެ އާއި ރާއްޖެއިން ބޭރާ ގުޅުވާލަދޭ އެންމެ މުހިންމު ބޭފުޅާ އެވެ. ރާއްޖޭގައި ހިންގި ކޮންމެ މަޝްރޫއެއް ވެސް ރާވައި ބޭރުގެ ފަރާތްތަކާ ދައްކަން ޖެހޭ ވާހަކަ ދައްކައި ޑީލް ނިންމުން އޮތީ އަލި މަނިކުގެ ޒިންމާއަކަށްވެފަ އެވެ.

މައުމޫނުގެ ސަރުކާރަށް ޚިދުމަތް ކުރެއްވުމަށް އެ ސަރުކާރު ނިމެންދެން އަލި މަނިކު ހުންނެވި އެވެ. ނާސިރުގެ ސަރުކާރެކޭ އެއްފަދައިން ކުރިން ވެސް އުފުއްލެވި ޒިންމާތައް އެމަނިކުފާނު ގެންދެވީ އަދާކުރައްވަމުންނެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައީސް މައުމޫންގެ ސްޕެޝަލް އެޑްވައިޒަރު އަލީ މަނިކު

އަލި މަނިކު، 50 އަހަރު ސަރުކާރަށް ޚިދުމަތް ކުރެއްވުމަށް ފަހު ސަރުކާރުން ވަކިވެވަޑައިގެން، ދައުލަތަށް އޭނާ ކޮށްދެއްވި ޚިދުމަތުގެ މައްޗަށް އަލިއަޅުވައިލައްވައި "އަޅުގަނޑުގެ ދުވަހު ފޮތް" ނަމުގައި ވަނީ ފޮތެއް ލިޔުއްވައިފަ އެވެ. އެ ފޮތަކީ ރާއްޖޭގެ ތާރީޚުގެ ވަރަށް މުހިންމު ބައެކެވެ. އެ ސަފުހާތަކުން އަލިއަޅުވާލަދޭ އެންމެ މުހިންމު ބަޔަކީ ތާރީޚުގެ އެ ދުވަސްވަރާ ބެހޭ މައުލޫމާތު ލިޔެކިޔުންތަކުން ލިބެން ނެތް ދުވަސްވަރަކަށެވެ. އެހެންކަމުން އަލިމަނިކު ލިޔުއްވި ދުވަހު ފޮތަށް ދިވެހި ތާރީޚާ މެދު ވިސްނައި ހޯދުންތައް ހޯދާ ބަޔަކު ވަނީ ވަރަށް ބޮޑަށް ދަރަނިވެރިވެފަ އެވެ.

މަރުހޫމް ކޮލި އަލިމަނިކު ސަރުކާރުގެ ޚިދުމަތުގައި ހުންނެވީ 1956 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމައަށެވެ. އެ ދިގު މުއްދަތުގައި އަލި މަނިކު ވަނީ ދިވެހި ރާއްޖޭގެ ދެވަނަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރާއި ދެވަނަ ޖުމުހޫރިއްޔާގެ ދެވަނަ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަރިހުގައި ވަރަށް އިޚުލާސްތެރި މަސައްކަތްޕުޅުތަކެއް ކުރައްވައިފަ އެވެ.

ހުޅުމާލެ ހިއްކަން ފެށި ދުވަސްވަރު ރައީސް މައުމޫންގެ ސްޕެޝަލް އެޑްވައިޒަރު އަލި މަނިކު (ކ3) އަދި އޭރުގެ ކޮންސްޓްރަކްޝަން މިނިސްޓަރު އުމަރު ޒާހިރާ އެކު

ކޮޅުނބުގައި ހުރި ދިވެހި ސަރުކާރުގެ ވިޔަފާރި ކުންފުނި ކަމުގައިވާ މޯލްޑިވްސް ގަވަރްމެންޓް ޓްރޭޑިން ސެންޓަރުގެ ޓްރޭނީއެއްގެ މަގާމުން ނައިބު ރައީސްކަމާއި ހަމަޔަށް ކުރެއްވި އަގުހުރި މަސްއކަތުގެ މައްޗަށް، އަލި މަނިކު ލިޔުއްވި ދުވަހު ފޮތް ނިންމަވައިލައްވަމުން، ވަނީ ރައީސް އިބްރާހިމް ނާސިރާއި ރައީސް މައުމޫންއާ ދެބޭފުޅުންގެ މައްޗަށް އަލިއަޅުވައި ލައްވައިިފަ އެވެ. ވަރަށް ކުރު ގޮތަކަށް އަލި މަނިކު ލިޔުއްވާފައިވާ އެ ލިއުންކޮޅުން ނާސިރާއި މައުމޫންއާ މެދު އަލިމަނިކުގެ ތަސައްވަރު ހިތަށް ސިފަކޮށްގަންނަން އެނގޭހާ ވެ އެވެ.

"ނާސިރު ދިވެހިރާއްޖޭގެ ވެރިކަން ކުރެއްވި ދުވަސްތަކުގައި އެމަނިކުފާނު ހާސިލުކުރެއްވި ކަނތައްތަކާ ބެހޭގޮތުން އެއްވެސް އެއްޗެއް ލިޔެވި ރެކޯޑު ކުރެވިފައެއް ނުވެ އެވެ. އެމަނިކުފާނު އެކަން އެހެން ކުރައްވާކަށް ބޭނުމެއް ވެސް ނުވެ އެވެ. އެހެން ނަމަވެސް އެ މުއްދަތަކީ ދިވެހި ތާރީޚުގައި ވަރަށް ހަލަބޮލި ދުވަސްތަކެކެވެ. ނާސިރު ވަކިވެވަޑައިގެންނެވި އިރު ގައުމުގެ އާބާދީ ވަނީ 80،000 މީހުންގެ އާބާދީއަކުން 110،000 މީހުންނަށް އިތުރުވެފަ އެވެ. ގައުމުގެ އާމްދަނީ 2.5 މިލިއަން އެމެރިކާ ޑޮލަރުން، އެމަނިކުފާނު ރިޓަޔާ ކުރެއްވި އިރު ގާތްގަނދަކަށް 130 މިލިއަން އެމެރިކާ ޑޮލަރަށް ވަނީ އިތުރުވެފަ އެވެ. މައުމޫނު ވެރިކަމުގައި އާބާދީ ވަނީ 250،000 އަށް އިތުރުވެ އާމްދަނީ ގާތްގަނދަކަށް 500 މިލިއަން އެމެރިކާ ޑޮލަރު ވަރުވެފަ އެވެ." އަލި މަނިކު ލިޔުއްވާފައިވެ އެވެ.

ނާސިރާއި މައުމޫނުގެ ވެރިކަމުގެ ކަންތައް ހުރިގޮތް ހިސާބު އަކުރުން ކިޔައިދެއްވަމުން އަލި މަނިކު ވިދާޅުވެފައި ވަނީ 1960 އިން ފެށިގެން ރާއްޖެ ކުރިއަރާފައި ވަނީ ވަރަށް ބާރަށް ކަމަށާއި އެ ހުރިހާ ކަމެއްގެ އަސްލަކީ ރާއްޖޭގައި އޮތް ސިޔާސީ ހަމަޖެހުން ކަމުގަ އެވެ.

"ނާސިރުގެ ދުވަސްވަރުގައި ހުރިހާ ކަމެއްގައި ވަޒީރުންގެ މަޖިލީހާ މަޝްވަރާ ނުކުރައްވަފާނެ އެވެ. މައުމޫނު ވަޒީރުންގެ މަޖިލީހަކާ އެތަކެއް މަޝްވަރާ މަޖިލީހެއް ގެންގުޅުއްވި އެވެ. ކަމެއް ނިންމެވުމުގެ ކުރިން އެ ހުރިހާ އެންމެނަށް ފެންނަ ގޮތަށް ވިސްނަވާނެ އެވެ." ނާސިރާއި މައުމޫނުގެ ހިންގުމުގެ ސްޓައިލަށް ބައްލަވާލައްވަމުން އަލި މަނިކު ވިދާޅުވެފައިވެ އެވެ.

ރައީސް މައުމޫންގެ ސްޕެޝަލް އެޑްވައިޒަރު އަލީ މަނިކު މައުމޫނާއި ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލްއާއެކު ސިންގަޕޫރުގައި.

އަލި މަނިކު މި ހިސާބުން ދައްކަވާފައި އޮތީ ސީދާ ވިދާޅު ނުވި ކަމުގައި ވިޔަސް ކޮމިޓީތައް ގިނަވުމުން ދިމާވާ މައްސަލަ ތަކުގެ ވާހަކައެވެ.

"ބައެއް ފަހަރު ކޮމިޓީއަކުން ގޮތެއް ނިންމަން ޖެހިއްޖެ ނަމަ، ގޮތެއް ނުނިންމޭ ގޮތް ދިމާވެ އެވެ. އެތަކެއް ނުފޫޒުތަކެއް އުޅޭތީ މެންބަރުންނަށް އެއްބަސްވުމަކާ ހަމަޔަށް ނާދެވެނީ އެވެ."

އަލި މަނިކު ވިދާޅުވީ ނާސިރު ވެރިކަން ދޫކުރައްވައި ވަޑައިގެންނެވީ ލިބެމުން އައި ކުރިއެރުމާ އެއްފެންވަރަށް އެމަނިކުފާނަށް ހިފަހައްޓާ ނުލެވޭނެހެން ހީފުޅުވާތީ ކަމުގައި ވެދާނެކަމުގަ އެވެ.

"އެމަނިކުފާނަކީ އޭޝިޔާގައި އެގޮތަށް ވަކިވެވަޑައިގެންނެވި ހަމައެކަނި "ގަދަމީހާ" ކަމުގައި، ނާސިރަށް ތައުރީފު ކުރައްވާ މޭރުމަކުން އަލި މަނިކު ލިޔުއްވި އެވެ.

އެމަނިކުފާނަކީ ވަރަށް އަމިއްލަ ވަންތަ އެކަހެރި ބޭފުޅެއް ކަމަށާއި ވަރަށް މަދު ފޮޓޯފުޅެއް ނޫނީ އާކައިވްގައި ވެސް ނެތް ކަމުގައި ލިޔުއްވުމަށް ފަހު މައުމޫނާ ބެހޭގޮތުން ވިދާޅުވެފައި އޮތީ ރައީސް މައުމޫނަކީ ވަރަށް ފެންނަ ލީޑަރެއް ކަމުގަ އެވެ. އެމަނިކުފާނާ ބެހޭ ރިޕޯޓެއް ޓެލެވިޒަނުން ނުދައްކާ ނުވަތަ ނޫހުގައި ނުޖަހާ ދުވަހެއް ނުދާނެ ކަމަށް ވެސް ލިޔުއްވާފައިވެ އެވެ.

ނާސިރާއި މައުމޫނުގެ ވާހަކަ އެގޮތަށް ގެންނެވުމަށްފަހު ރާޢްޖެއަށް މިއަދު ދިމާވެފައި އޮތް އެންމެ ބޮޑު ދެ މައްސަލަ ވެސް އަލި މަނިކު ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެއީ ޑްރަގާއި ކޮރަޕްޝަންގެ ވަބާ އެވެ.

ނާސިރާއި މައުމޫނުގެ ދައުރުގައި ވެސް އެއްމިންވަރަކަށް ދައުލަތަށް ޚިދުމަތް ކޮށްދެއްވި އަލި މަނިކު ވިދާޅުވެފައިވާ ގޮތުގައި ނާސިރު ވެރިކަމުން ވަކިވެވަޑައިގެން އޮފީސް ދޫކޮށްލެއްވިއިރު ރާއްޖޭގައި ކޮރަޕްޝަން އެއްވެސް މިންވަރަކަށް ނެތެވެ. ހަމަ އެފަދައިން ޑްރަގުގެ ވަބާއެއް ވެސް އޭރަކު ނެތެވެ.