އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރުމުގެ ހިތްވަރެއް މި ސަރުކާރުގެ ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި ޕީއެންއެފް ޖަލްސާގައި ޔާމީން ވިދާޅުވީ ވެރިކަން ލިބިއްޖެނަމަ އިންޑިއާއާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެ ކަމަށް ހަރުއަޑުން ގޮވަމުން ވެރިކަމަށް އައުމަށްފަހު އަމަލުކުރަމުންދަނީ މިދިޔަ ސަރުކާރަށްވުރެ ވެސް ގޯސްކޮށް ކަމަށެވެ.

ޔާމީން އެ އިޝާރާތްކުރެއްވީ މިދިޔަ ސަރުކާރުން ވެސް ސޮއިނުކުރަން ނިންމާފައިވާ އެއްބަސްވުންތަކެއްގައި މި ސަރުކާރުން އިންޑިއާއާއެކު ސޮއިކުރި ކުރުމަށެވެ. އެގޮތުން ރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި އިންޑިއާގެ ސަގާފަތް ކިޔަވައިދޭން ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަދި އައްޑޫ ސިޓީގައި އިންޑިއާ އެމްބަސީގެ ގޮތްޕެއް ގާއިމްކުރުމާ ގުޅޭގޮތުން ވެސް ވަނީ ދެ ގައުމުން މަޝްވަރާކޮށްފަ އެވެ.

އެމަނިކުފާނު ވިދާޅުވީ އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރަން ޕީއެންސީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވެސް މަސައްކަތް ކުރަމުންނުދާ ކަމަށެވެ.

"އުތުރުތިލަފަޅު ދޫކޮށްލީ ސިފައިންގެ ވެރިންގެ ތެރެއިން ހިންގި ޖަރީމާއެއްގެ ތެރެއިން. އުތުރު ތިލަފަޅުގެ މައްސަލައިގައި ސިފައިންނެއް ޖަވާބުދަރީ ނުވާނެ. ދެން މިއޮތީ ސަރުކާރު. މިއަދު ސަރުކާރު އޮތީ ނަގޫ ފިތިފައި އޮތް ހާލަތެއްގައި. މީގެ ކުރިން ގައުމީ ވަންތަ މީހުންކަމުގައި މެޑަލް ޖެހިޔަސް މިއަދު މަޖިލީހުގައި ތެދުވެރި ނިޔަތުގައި ތިބި ބަޔަކު ޕީއެންސީގައި ނެތް. އެގްރިމަންޓުތައް ހާމަކުރާނެ ހިތްވަރުވެސް ނުހުންނާނެ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، އިންޑިއާއާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުންތައް ހާމަކުރުމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން ހުށަހެޅުއްވި މައްސަލަ އޮތީ ޕާކްކޮށްފަ އެވެ. އެނގިފައިވާގޮތުގައި އެ މައްސަލަ ކުރިއަށްނުގެންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށެވެ.