އަވަށްޓެރި އިންޑިއާ އިން ކޮވިޝީލްޑް ވެކްސިން ގަތުމަށް ސަރުކާރުން ނިންމައިފި އެވެ.

އިންޑިއާ އިން ވެކްސިން ގަތުމަށްޓަކައި ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ހަތަރު މާއްދާއަކަށް އަމަލު ނުކުރަން ނުޖެހޭ ކަމަށް ކަނޑައަޅައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މިއަދު ގަރާރެއް ނެރެފަ އެވެ.

ފިނޭންސް މިނިސްޓަރުގެ ގަރާރުގައި ވަނީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ބޭނުންވާ ވެކްސިން ހޯދުމަށްޓަކައި ދިވެހި ސަރުކާރާއި ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ ލިމިޓެޑާއި ސީރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ ވެކްސިން މިވަގުތު ވަކި ބައެއްގެ އަތުން ނޫނީ ލިބެން ނެތުމުން އެ ވެކްސިން މުޅި ދުނިޔޭގައި ވެސް ދޫކުރަމުން ދަނީ ޕްރޮކިއުމެންޓްގެ ޚާއްސަ އުސޫލުތަކުގެ ދަށުން ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.

އެ ގަރާރުގައި ފާހަގަކޮށްފައިވާ މާއްދާތަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް ނިންމާފައި ވަނީ ހަމައެކަނި ވެކްސިން ގަތުމަށްޓަކައި ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ ލިމިޓެޑާއި ސީރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސް ޕްރައިވެޓް ލިމިޓެޑާ އެކު ވެކްސިން ގަތުމަށްޓަކައި ސޮއިކުރެވޭ އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި އެކަނި ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.

އެއްބަސްވުމުގެ މުއްދަތުގައި ވެކްސިން ގަތުމުގައި އަމަލު ކުރަންވާނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމަށް ނިންމައި އެކަން އިއުލާން ކުރާ ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.

މީގެއިތުރުން އެ އެއްބަސްވުމުގެ ދަށުން ކުރާ ޚަރަދުތަކުގެ އިންޓާލަން އޮޑިޓެއް ފިނޭންސް މިނިސްޓްރީން ކުރިއަށްގެންދާނެކަން ފާހަގަކޮށް އެ ޚަރަދުތައް ހެލްތު މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާ ޚާއްސަ ސަމާލުކަމެއް ދީގެން ބެލުމަށް ފިނޭންސް މިނިސްޓަރު ވަނީ އަންގާފަ އެވެ.

އެސްޓްރާޒެނެކާ ކުންފުނިން 700،000 ޑޯޒްގެ ވެކްސިން ގަތުމަށްޓަކައި މީގެކުރިން މިފަދަ ގަރާރެއް ފިނޭންސް މިނިސްޓަރު ނެރެފައިވެ އެވެ. ނަމަވެސް އެ ވެކްސިން ގަތުމާ ގުޅޭ ކަންތައްތަކުގެ މައުލޫމާތެއް ފަހުން ސަރުކާރުން ހާމަކޮށްފައެއްނުވެ އެވެ.