ޗާގޯސްއޭ ކިޔަސް ފޯޅަވައްސޭ ކިޔަސް މި ދައްކަނީ ރާއްޖޭގެ އެންމެ ދެކުނުން އޮތް އެއް އަތޮޅުގެ ވާހަކަ އެވެ. ރާއްޖޭގެ ބައެއްގެ ގޮތުގައި ޒަމާންތަކެއް ވަންދެން އޮތް އަތޮޅެއްގެ ވާހަކަ އެވެ. އިންޑިއާ ކަނޑަށް ޔޫރަޕްގެ އިސްތިއުމާރީން އައިސް އެ އަތޮޅު އިސްތިއުމާރުކުރުމުގެ ކުރިން ޔޫރަޕުން ވެސް ރާއްޖޭގެ ރަށްތަކެއް ކަމަށް ބެލި ރަށްތަކެއްގެ ވާހަކަ އެވެ. އެ ރަށްތަކާ ގުޅޭ ގޮތުން ތަފާތު ފޯރަމްތަކުގައި ދިވެހި ރައްޔިތުން ވާހަކަ ދައްކައިފި އެވެ. މިހާރު ވެސް ގެންދަނީ ވާހަކަ ދައްކަމުންނެވެ. އެހެން ނަމަވެސް ނީވޭ އަޑަކީ ސަރުކާރުން މިރަށްތަކުގެ ވާހަކަ ދުވަހަކު ވެސް ދެއްކި އަޑެވެ.

މިހާރުގެ ސަރުކާރުން ވެރިކަމަށް އައީ ރާއްޖޭގެ ދެކުނުން ކަނޑުގެ ބޮޑުބައެއް ގެއްލިއްޖެ ކަމަށާއި އެ ގެއްލުނު ބައި ހޯދާނެކަމުގެ ވައުދާ އެކު އެވެ. އެހެން ނަމަވެސް ވެރިކަމަށް އަހަރު ފުރެންދާއިރު ވެސް ގެއްލުނު ކަނޑާ ބެހޭ ވާހަކައެއް ނުދެކެވެ އެވެ.

ހަގީގަތުގައި އެއްވެސް ސަރުކާރަކުން ވެސް އެއްވެސް ސިޔާސީ ބޭފުޅަކު ވެސް މިހާތަނަށް ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ކަމަށް ވިދާޅުވެފައެއް ނުވެ އެވެ. ހަމައެފަދައިން އެ ރަށްތައް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ބުނެފައެއް ނުވެ އެވެ. އެމީހުން ދައްކާ ވާހަކައަކީ ދެކުނުގެ ކަނޑުން ގެއްލުނު ބައިގެ ވާހަކަ އެވެ. އެހެން ނަމަވެސް ކަނޑުން ބައެއް ގެއްލުނީ ބިމުން ބައެއް ގެއްލުމުން ކަމެއް ސަރުކާރަކަށް ނުވިސްނެ އެވެ. އެ ވާހަކަ ނުދައްކަނީ އެހެންވެގެން ކަމަށް ބެލެވެ އެވެ.

ޗާގޯސްގެ ވާހަކަ ދެކެވޭ ފޯރަމްތަކުގައި ބައެއް މީހުން އުފައްދާ ސުވާލެކެވެ. މީގެ ކުރީގެ ސަރުކާރުތަކުން އެރަށްތައް ހޯދަން މަސައްކަތް ނުކުރީ ކީއްވެގެން ހެއްޔެވެ؟ އެ ސުވާލަށް ހަގީގަތުގައި ޖަވާބު ބޭނުންވެ އެވެ.

ދިވެހި ރާއްޖެއަކީ ވަރަށް ގަދީމީ ރާއްޖެއެކެވެ. އަންޒަމާނުއްސުރެ އިންޑިއާ ކަނޑުގެ މެދުތެރޭގައި ދެމިފައި އޮންނަ ރަށްތަކުގެ ސިލްސިލާގެ ވެރިންނަކީ ދިވެހިންނެވެ. ދިވެހިންނަށް އެމީހުންގެ މިނިވަންކަމާ އިސްތިގުލާލު ރައްކާތެރިކުރުން އަބަދުވެސް އޮންނަނީ އުނދަގޫ ކަމަކަށްވެފަ އެވެ. އުތުރުގައި އޮންނަ އިންޑިއާގެ އެކި ރަސްކަމުން ރާއްޖެއާ އަބަދުވެސް ތޮޅެ އެވެ. އެކި ފަހަރު އެކި ދަރަޖައިގަ އެވެ. ބައެއްފަހަރު ރާއްޖޭގެ ބައެއް ރަށްތައް އެމީހުން ހިފަ އެވެ. ދިވެހިން ގޮސް ފަހުން އެރަށްތައް ހިފުން ފަދަ ކަންތަކަކަކީ އާދައެކެވެ.

އިންޑިއާ ކަނޑަށް ޔޫރަޕުގެ މީހުން އައިސް އިންޑިއާ ހިފައި ސަރަހައްދުގެ ވެރިކަންކުރަން ފެށިއިރު ރާއްޖޭގެ އުތުރުން ބޮޑު ބައެއް އޮތީ އުތުރުރު ކަރައިގެ ރަށްތަކަކަށް ވެފަ އެވެ. މީގެ ދިރިހުރި މިސާލަކީ މަލިކެވެ.

އިނގިރޭސިން ރާއްޖެ އައީ ދިވެހި އާއިލާއަކުން އެކަމަށް ބޭނުންވެގެންނެވެ. އެ ދަރިކޮޅުގެ ވެރިކަމުގައި ދިވެހި ރާއްޖޭގެ މިނިވަންކަންކަމުގައި ސިފަކުރީ ހަމައެކަނި ދާޚިލީ މިނިވަންކަމެވެ. ބޭރުގެ ގުޅުންތައް އިނގިރޭސިން ބޭނުން ގޮތަކަށް އޮންނަން އޮތީ ދޫކޮށްލާފަ އެވެ. އެކަމަށް ލޮލުން ބޮލުން އެދިގެން ހިތުން ރުހުމުންނެވެ. އެއީ ރާއްޖޭގެ ދެކުނުގައި ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީއެއް ގާއިމުކުރި ދުވަސްވަރެވެ. އެއީ ޗާގޯސް އައިލޭންޑްސް އެވެ.

އިނގިރޭސިން ރާއްޖެއަށް ގެނައި އާއިލާގެ ވެރިކަން ނިމުނުއިރު ރާއްޖޭގެ އެންމެ ދެކުނުގެ އިތުރު ތިން އަތޮޅު އޮތީ އަތުން ދޫވުމުގެ މަރުހަލާގަ އެވެ. އައްޑޫ ގަން 100 އަހަރަށް އިނގިރޭސިންނަށް އޮތީ ދީފަ އެވެ. ފަހުން ވިއްކާލާ ގޮތަށެވެ. އެފަދަ ނާޒުކު ދަނޑިވަޅެއްގައި ގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގަތް އިބްރާހިމް ނާސިރު ވަނީ ރާއްޖޭގެ ދެކުނުގެ ތިން އަތޮޅު އަތުން ބީވެ ނުދަނީސް ސަލާމަތްކުރެއްވުމުގެ އިތުރުން ރާއްޖެއަށް ފުރިހަމަ މިނިވަންކަން ވެސް ހޯއްދަވައި ދެއްވާފަ އެވެ. އެވަގުތަކީ ޗާގޯސް ރަށްތަކާމެދު ޝަކުވާކުރެވޭނެ ވަގުތެއް ނޫނެވެ.

ރައީސް ނާސިރުގެ ވެރިކަން ނިމި، މައުމޫނުގެ ވެރިކަމުގައި ރާއްޖޭގެ އިސްތިގުލާލާ މިނިވަންކަމާ ގުޅޭ މާބޮޑު މައްސަލައެއް ނެތެވެ. އުތުރުން ގެއްލުނު މަލިކުގެ ނަން، ޖަލްސާއެއްގައި ރައީސަށް ވިދާޅުވެވުމުން ދެން ކަންތައްވީ ގޮތަކީ ދެއްކެން ނެތް އެހެނަސް ގިނަ މީހުން ދަންނަ ވާހަކައެކެވެ. ދެކުނުގައި އޭރު އޮތީ އިނގިރޭސި އޯވަސީސް ޓެރިޓަރީގެ ބައެކެވެ. އެ ވާހަކަ ވެސް ދެއްކޭކަށް އޭރަކު ނެތެވެ.

ޗާގޯސްގެ މައްސަލަ ދިވެހިންގެ ސަމާލުކަމަށް އައީ އިނގިރޭސިން، އެރަށްތަކުގައި މަސައްކަތު ގެންގުޅުނު އަޅުން، އެރަށްތަކަށް އެނބުރި ދިއުމަށް ކުރަމުން ގެންދިއަ މަސައްކަތަށް ކުރިއެރުން ލިބުމާ ހަމައިންނެވެ. އެ ހިސާބުން މޮރިޝަސް މައްސަލައިގެ ތެރެއަށް ވަދެ ޗާގޯސްގެ ރަށްތަކަށް ދައުވާ ކުރި އެވެ. ރާއްޖެއާ މޮރިޝަސްއާ ދެމެދު ކަނޑުގެ މައްސަލައެއް ޖެހުނީ އެހިސާބުންނެވެ.

މޮރިޝަސްއަކީ ޗާގޯސް އާ ބެހޭ ތަނެއް ނޫން ކަމަށް ވިޔަސް އެމީހުން ވަނީ އެ ރަށްތައް އެމީހުންނަށް ލިބެން ޖެހޭނެކަމުގައި ވަކާލާތުކޮށްފަ އެވެ. އޮތްހާ ވެސް ސަބަބަކީ އެ ރަށްތަކުގައި އިނގިރޭސިން މަސައްކަތު ގެންގުޅުނު އެފްރިކާގެ އަޅުންގެ ތެރެއިން ގިނަ ބަޔަކު މޮރިޝަސްއަށް ބޭލުމުވެ.

މޮރިޝަސް އިން ބައިނަލް އަގުވާމީ ކޯޓަށް އިނގިރޭސި ވިލާތާ ދެކޮޅަސް ޗާގޯސް ހޯދަން ހުށަހެޅި މައްސަލައިގައި އެހީތެރިވުމުގެ ގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ވަނީ ޗާގޯސްގެ ރަށްތަކުގެ މައްޗަށް ދިވެހިން ދައުވާނުކުރާނެ ކަމުގައި ސިޓީއަކުން އަންގާފަ އެވެ.

ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ޗާގޯސްގެ ރަށްތަކުގެ މިލްކުވެރިކަން ރާއްޖެއަށް ލިބެން ޖެހޭނެ ކަމުގައި ބުނަމުން ދިޔަކަމުގައި ވިޔަސް ރަސްމީ އެއްވެސް ފަރާތަކުން އެފަދަ ވާހަކައެއް ނުދައްކަ އެވެ. މިހާރުގެ ސަރުކާރުން އެވާހަކަ އިވޭ ކަމަކަށް ވެސް ނަހަދަ އެވެ. ޗާގޯސްގެ ރަށްތަކަކީ ދިވެހިންގެ ރަށްތަކެކޭ ބުނެލާނެހާ ހިތްވަރުވެސް ސަރުކާރަކު ނެތެވެ. އެ ރަށްތަކުގެ މިލްކުވެރިކަން މުހިންމު ވަނީ ރައްޔިތުންނަށެވެ. ސަރުކާރަށް އެއީ މައްސަލައެއް ނޫނެވެ.