އަލަށް ތަރައްގީ ކުރެވުނު ކެންސަރުގެ ފަރުވާއަކުން އެ ބަލި ތަހައްމަލުކުރާ މީހެއްގެ ބަލި ހާލަތު ބޮޑުތަނުން ރަނގަޅުވެ ކެންސަރު ބައްޔާ ދެކޮޅަށް ކުރާ މަސައްކަތަށް މުޅިން އާ އުއްމީދެއް ލިބިއްޖެ އެވެ.

އުމުރުން 62 އަހަރުގެ އިންޖީނިއަރެއް ކަމަށްވާ ޕައުލް ރީޑްގެ ބޮލުގައި ރިއްސާކަން އޭނާއަށް ފާހަގަ ކުރެވުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

އޭގެ ދުވަސްކޮޅެއް ފަހުން ޑޮކްޓަރަށް ދެއްކުމުން އެނގިގެންދިޔައީ އާއްމުކޮށް ދޮޅު އަހަރު ތެރޭގައި ފުރާނައަށް ނުރައްކާކުރާ ސިކުނޑީގެ ކެންސަރެއް އޭނާއަށް ޖެހިފައިވާ ކަމެވެ.

ވަގުތުން ފަރުވާ ފަށައި ކީމޯތެރަޕީ ފެށި ނަމަވެސް ސިކުނޑީގައި އިން ޓިއުމަރު އަލުން ބޮޑުވަމުން އަންނަ ކަމަށް މި އަހަރުގެ ޖުލައި މަހު ޑޮކްޓަރުން އޭނާއަށް ބުނެދިނެވެ.

ފުރާނަ އަތް މައްޗަށް ލައިގެން ދުވަސްތައް ހޭދަ ކުރަނިކޮށް ޕައުލްއަށް ލިބުނީ ޔުނިވާސިޓީ ކޮލެޖް އޮފް ލަންޑަން ހޮސްޕިޓަލްސްއިން އަލަށް އުފެއްދި ކެންސަރުގެ ފަރުވާ ފުރަތަމަ ފަހަރަށް ތަޖުރިބާ ކުރުމުގެ ފުރުސަތެވެ.

މާބޮޑު އުއްމީދެއް ނެތި އެ ފަރުވާއަށް އޭނާ އެއްބަސްވި ނަމަވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި ލިބުނު ކުރިއެރުންތަކުން އޭނާ ހައިރާން ކޮށްލި އެވެ.

މި ފަރުވާ ދިނުމަށްޓަކައި އެންމެ ފުރަތަމަ ޓިއުމަރު ނެގެން އޮތްވަރަކަށް ނެގުމަށްފަހު ބާކީ އޮތް ބަޔާއި ޕައުލްގެ ބޮލުގެ ނާށިގަނޑަށް ލެއްވި މެޑިކަލް ޑިވައިސްއެއް ގުޅުވާލި އެވެ. އެއަށްފަހު އެ ޑިވައިސް މެދުވެރިކޮށް ޑީއެންއޭ މަރާމާތުކުރާ އިންޖެކްޝަންއެއް ދޭން ފެށި އެވެ.

އެ ފަރުވާ ފެށިތާ ދެތިން ހަފްތާގެ ތެރޭގައި ޕައުލްގެ ޓިއުމަރު ދެބައިކުޅަ އެއްބައި ކުޑަވެފައިވާކަން ރިޕޯޓުތަކުން ދައްކާ ކަމަށް ހަބަރުތައް ބުނެ އެވެ.

މި އާ ފަރުވާއަކީ ކެންސަރު ބަލި ތަހައްމަލު ކުރަމުން އަންނަ އެތައް ހާސް ބަޔަކަށް ލިބިގެންދިޔަ އާ އުއްމީދެއް ކަމަށް ޕައުލް ބުންޏެވެ.

ކެންސަރަކީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ދުނިޔޭގައި އެންމެ ގިނަ މީހުން އެ ބަލީގެ ޝިކާރައަކަށްވެ މަރުވާ އެއް ބައްޔެވެ. ކޮންމެ އަހަރަކުވެސް އެތައް ހާސް ބަޔަކު ކެންސަރު ބަލީގައި ދުނިޔެ ދޫކުރެ އެވެ.