ކޮންމެ ހަފްތާ ބަންދެއްގައި އެކަނި ކަސްރަތު ކުރުމުން މާ ގިނަ ފައިދާ ލިބޭ ކަމަށް ސައިންސްވެރިންގެ ދިރާސާއަކުން ދައްކައިފި އެވެ.
ބްރިޓިޝް ޖާނަލް އޮފް ސްޕޯޓްސް މެޑިސިންގައި ޝާއިއުކޮށްފައިވާ އެ ދިރާސާގައި ބުނެފައިވަނީ ހަފްތާއަކު މަދުވެގެން ދެ ދުވަހު ކަސްރަތު ކުރި ނަމަވެސް ދިރިއުޅުމުން ތަފާތު ފެންނާނެ ކަމަށެވެ.
ހަފްތާ ބަންދުގައި ކަސްރަތު ކުރުމަކީ ނަފްސާނީ ސިއްހަތު ނުރައްކަލަށް ހުށައެޅުމުގެ ފުރުސަތު 15 ޕަސެންޓް ކުޑަކޮށްދޭ ކަމެއް ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.
އެގޮތުން ގަވާއިދުން ކަސްރަތު ކުރާ މީހުންނާ އަޅާބަލާއިރު ހަމައެކަނި ހަފްތާ ބަންދުގައި ކަސްރަތު ކުރާ މީހުންނަށް ޑިމެންޝިއާ (ހަނދާންނެތޭ ބަލި) ޖެހުމުގެ ފުރުސަތު ކުޑަ ކަމަށް އެ ދިރާސާގައިވެ އެވެ.
އޭގެ އިތުރުން ވެސް އެއީ ހަފްތާ ތެރޭގައި ހަށިގަނޑާއި ސިކުނޑިއަށް ލިބޭ ވަރުބަލިކަން ފިލުވާލަން ވެސް ރަނގަޅު ގޮތެއް ކަމަށް އެ ދިރާސާގައި ފާހަގަ ކޮށްފައިވެ އެވެ.
މީގެ ކުރިން ހެދިފައިވާ ބައެއް ދިރާސާތަކުން ވެސް މި ދިރާސާއަށް ބާރުދެ އެވެ. އެގޮތުން މިދިޔަ މަހު ނެރުނު ދިރާސާއެއްގައި ވާ ގޮތުން ހަފްތާ ބަންދުގައި ކަސްރަތު ކުރުމަކީ އެތެރެ ހަށީގެ ބަލިތަކުން ވެސް ދުރުކޮށްދޭ ކަމެއް ކަމަށެވެ.
ކަސްރަތު ކުރުމަށް ގިނަ މީހުން ދައްކާ ބަހަނާއަކީ އުޅެންޖެހޭ ވަޒީފާގެ ގޮތުން ވަގުތު ނުވުމެވެ. އެހެން ނަމަވެސް މިދިރާސާއިން އެނގޭ ކަމަކީ ހަމައެކަނި ލިބޭ ހަފްތާ ބަންދުގައި ކަސްރަތު ކުރިނަމަވެސް ފައިދާ ލިބޭ ކަމެވެ.