އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ތަރައްގީގެ މަޝްރޫއުތައް، ޕަބްލިކް ސެކްޓާ އިންފްރާސްޓްރަކްޗާ ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 12.4 ބިލިއަން ރުފިޔާ ހުށަހަޅައިފި އެވެ.
ސަރުކާރުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެއްޅުވި ބަޖެޓް މިއީ ތާރީހުގައި ވެސް ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެންމެ ބޮޑު އަދަދެއް ބަޖެޓްގައި ހިމެނި ފަހަރެވެ. މިއާއެކު އާ މަޝްރޫއުތަކަށާއި ހަރަކާތްތަކަށް އެންމެ ގިނައިން ހަރަދުކުރާނެ ބަޖެޓަކީ ވެސް މިއީ ކަމަށް ފިނޭންސުން ބުނެފައި ވެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައި ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ މި އަހަރުގެ ސަޕްލިމެންޓާ ލައިގެން ބަޖެޓު ކުރި 54.9 ބިލިއަން ރުފިޔާއަށް ވުރެ 1.7 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ޕީއެސްއައިޕީގެ އިތުރުން އިޖުތިމާއީ ރައްކާތެރިކަމަށާއި ސިއްހީ ދާއިރާއަށާއި ގެދޮރުވެރިކުރުމަށް ހަރަދު ކުރަން ބަޖެޓުކޮށްފައި ވެ އެވެ.
ޕީއެސްއައިޕީއަށް ހިމަނާފައިވާ 12.4 ބިލިއަން ރުފިޔާގެ މަޝްރޫއުގެ ތެރެއިން 5 ބިލިއަނެއްހައި ރުފިޔާއަކީ ބޭރުގެ ފަރާތްތަކުން ފަންޑު ހަމަޖެހިގެން ހިންގަން ނިންމާފައިވާ މަޝްރޫއުތައްކަން ފިނޭންސް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.
ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ހަރަދު އިތުރުކުރުމުގެ ސަބަބުން އަންނަ އަހަރު ސަރުކާރުން އިމާރާތްކުރުމުގެ ސިނާއަތަށް ގާތްގަނޑަކަށް ތިން ބިލިއަނެއްހައި ރުފިޔާ ދޫކުރެވިގެންދާނެ ކަމަށާއި، އެކަމުގެ ސަބަބުން އިގުތިސާދު އިތުރަށް ފުޅާވާނެ ކަމުގައި ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
މިނިސްޓްރީން ފާހަގަކުރި ގޮތުގައި ޕީއެސްއައިޕީ ބަޖެޓު ބޮޑުވުމުގެ މައިގަނޑު ސަބަބަކީ ހުރިހާ މަޝްރޫއަކަށްވެސް އަހަރު ތެރޭގައި މަސައްކަތް މަޑުޖެހުމެއް ނެތި މަޝްރޫއުތައް ހިންގޭނެ މިންވަރަށް މަޝްރޫއުތަކަށް ފައިސާ ހިމަނާފައި އޮތުމެވެ.