މާދަމާ އެމެރިކާގެ ރައްޔިތުން ވޯޓު ފޮށިތަކާ ދިމާޔަށް މިސްރާބު ޖަހާއިރު ދުނިޔޭގެ ލޯތައް ވަނީ އެވޯޓާ ދިމާޔަށް ހުއްޓިފަ އެވެ. މިފަހަރުގެ ވޯޓު ވެގެން ދާނީ ހުރިހާ ގޮތަކުން ވެސް އޭގެ ނަތީޖާ އާމެދު ދުނިޔޭގެ ނޭވާ ހިފެހެއްޓިފައިވާ ވޯޓަކަށެވެ. ވޯޓް ނަގަނީ އެމެރިކާގައި ކަމަށް ވިޔަސް އެވޯޓުގެ ނަތީޖާއިން ދުނިޔޭގެ ހުރިހާ ހިސާބަކަށް އަސަރު ކުރާނެ އެވެ. ޚާއްސަކޮށް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދުނިޔޭގެ ލޯތައް ހުއްޓިފައި ވަނީ ތަފާތު ޖަޒުބާތުތަކަކާ އެކުގަ އެވެ.
ޔޫރަޕް
ޔޫރަޕަށް އެމެރިކާގެ ވޯޓު މިއަށް ވުރެ މުހިންމު ދުވަހެއް ނާދެ އެވެ. ޔުކްރޭން ހަނގުރާމައާ މެދު އިރުމަތީގެ ހަނގުރާމާގައި އެމެރިކާގެ ނުފޫޒާއި ބާރަށް ޔޫރަޕް ބަރޯސާވާން ޖެހިފައިވާ މިންވަރުން އެމެރިކާގެ ވެރިކަމަށް އަންނަ މީހެއްގެ ސަބަބުން ހީ ވެސް ނުކުރާ ގޮތަކަށް ކަންތައް ބަދަލުވެގެން ހިނގައިދާނެކަމުގެ ނުތަނަވަސްކަން ޔޫރަޕްގައި ބޮޑެވެ. ޔޫރަޕަށް މިވަގުތު އެންމެ ބޮޑު އެއް މައްސަލައެއް ކަމަށްވާ ޔުކްރޭންގެ ހަނގުރާމާގައި އެމެރިކާ ކުޅެމުންދާ ދައުރަށް ބަލާއިރު މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސް ރައީސް ކަމަށް އިންތިހާބުވެއްޖެނަމަ މާ ބޮޑު ބަދަލެއް ނެތި މިހާރެކޭ އެއްގޮތަށް ކުރިޔަށް ދާނެ އެވެ. މައްސަލައަކީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ޓްރަމްޕް ވެރިކަމަށް ހޮވިއްޖެނަމަ އޭނާ ވަނީ ހުވާކުރުމުގެ ކުރިން ރަޝިޔާ އާއި ޔުކްރޭން ސުލްހަ ކުރުވާނެ ކަމަށް ވިދާޅުވެފަ އެވެ. ޓްރަމްޕް ދެކޭގޮތުގައި ރަޝިޔާއިން ހިފާފައިވާ ބިން ރަޝިޔާ އަށް ދޫކޮށްލުމުން ޔުކްރޭންގެ ސަލާމަތް ކަމަށް ގެރެންޓީ ލިބުނީ އެވެ. އެ ހިސާބުން ހަނގުރާމަ ނިމޭނެ އެވެ. އެހެން ނަމަވެސް އެއީ ޔުކްރޭން ގަބޫލްކުރާކަމެއް ނޫނެވެ. ނުތަނަވަސްކަން އުފެދޭ ހިސާބަކީ އެއީ އެވެ.
ޔުކްރޭންގެ މައްސަލައިގެ އިތުރުން ވެސް ޔޫރަޕާއި އެމެރިކާގެ މެދުގައި އޮންނަ ވިޔަފާރީގެ ގުޅުންތަކަށް ވެސް ޓްރަމްޕްގެ ޕޮލިސީގެ ސަބަބުން ބަދަލުތަކެއް އައުން އެކަށީގެންވެ އެވެ. އެހެން ނަމަވެސް ޓްރަމްޕަށް ތާއީދުކުރާ ބައެއް ލީޑަރުން ވެސް ޔޫރަޕްގައި އުޅެ އެވެ. ޚާއްސަ ކޮށް އިމިގްރޭޝަންގެ ހަރުކަށި ސިޔާސަތާއި އިސްލާމް ދީނާ ދެކޮޅު ބައެއް ލީޑަރުންނަށް ޓްރަމްޕަކީ މި އިންތިޚާބުގެ ފޭވަރިޓެވެ.
މެދުއިރުމަތި
މެދުއިރުމަތީގައި އެމެރިކާ އާއި ޔޫރަޕުން ގަދަކަމުން ގާއިމުކޮށްފައިވާ އިޒްރޭލްގެ ގިނަ ބަޔަކު ބޭނުން ވަނީ އެމެރިކާގެ ވެރިކަމަށް ޓްރަމްޕް ހޮވުމަށެވެ. ސަބަބަކީ ފެށުނީއްސުރެ ޓްރަމްޕް ގެންގުޅޭ އިޒްރޭލާ ގާތް ސިޔާސަތެވެ. ޓްރަމަޕްގެ ވެރިކަމުގައި އިޒްރޭލްގައި ހުންނަ އެމެރިކާ އެމްބަސީ ވެސް ވަނީ ގުދުސަށް ބަދަލުކޮށްފަ އެވެ.
މެދު އިރުމަތީގެ ގައުމުތަކުގެ ތެރެއިން އީރާނުން އެމެރިކާގެ އިންތިޚާބު ވަރަށް ގާތުން މޮނިޓާކުރަމުންދާއިރު، އެގައުމުގެ ގިނަ ބަޔަކު ދެކޭ ގޮތުގައި ޓަރަމްޕަކީ އީރާނާ ވަރަށް ބޮޑަށް ދެކޮޅު މީހެކެވެ. އޭނާގެ ވެރިކަމުގައި އީރާނާއި ހުޅަނގުގެ ގައުމުތަކާއެކު ވެފައި އޮތް އެއްބަސްވުން އުވާލައި އެގައުމަށް އިގުތިސާދީ ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އެޅި އެވެ. އެހެންކަމުން ހޫނުވެފައިވާ މެދުއިރުމަތީގެ މަސްރަހަށް ޓްރަމްޕްގެ ކާމިޔާބާއެކު އިތުރު ހޫނުކަމެއް ނޫނީ ނާންނާނެ ކަމަށް އީރާނުން ދެކެ އެވެ.
މެދު އިރުމަތީގެ މައްސަލައާ ސީދާ ގުޅިފައިވާ މީހުންދެކޭ ގޮތުގައި ކަމަލާ ހެރިސް އާއި ޑޮނަލްޑް ޓްރަމްޕާ ދެމީހުން ކުރެ ކޮންމެ މީހަކު ހޮވުނަސް މައްސަލައަށް މާބޮޑު ބަދަލެއް ނާންނާނެ އެވެ. އިޒްރޭލަށް އެމެރިކާއިން ދޭ އެއްބާރުލުން ހަމަ އޮތް ގޮތަށް ދެމި އޮންނާނެ އެވެ. ޓްރަމްޕް ހޮވިއްޖެ ނަމަ އެކަން ބޮޑަށް ވާނީ އިތުރެވެ.
އޭޝިއާ
ޗައިނާއާއި ސައުތު ކޮރެއާ ފަދަ އޭޝިޔާގެ ވިޔަފާރީގެ ބިޔަ ގައުމުތަކުން އެމެރިކާގެ އިލެކްޝަން ގާތުން ބަލަމުން އަންނައިރު އެމީހުންގެ ވެސް ކަންބޮޑުވުމަކީ ޓްރަމްޕް ވެރިކަމަށް އައުމެވެ. ޓްރަމްޕްގެ ވެރިކަމުގައި ޗައިނާއާ އެކު ވިޔަފާރީގެ ހަނގުރާމައެއް ފަށައި ޗައިނާގެ މުދަލުން ނަގާ ޑިއުޓީ އެތައް ގުނައަކަށް އިތުރު ކުރި އެވެ. އެފަދަ ފިޔަވަޅުތަކެއް އަނެއްކާ ވެސް ޓްރަމްޕް އަޅާނެ ކަމަށް ބެލެވޭތީ ޗައިނާ އިން ކަންބޮޑުވެ އެވެ.
ޗައިނާ އެކޭ އެއްފަދައިން ޓްރަމްޕްގެ ބައިނަލްއަގުވާމީ ވިޔަފާރީގެ ސިޔާސަތުގެ ސަބަބުން ކޮރެއާ ފަދަ އެމެރިކާއަށް މުދާ އެކްސްޕޯޓު ކުރާ ގައުމުތަކަށް ދިމާވެދާނެ ދަތިކަމުގެ ނުތަނަވަސް ސައުތު ކޮރެއާގެ ރައްޔތުންނާއި ސަރުކާރަށް ވަނީ ކުރިމަތިވެފަ އެވެ.
ޓައިވާނަކީ އެމެރިކާއިން ހިމާޔަތްކުރަން ބޭނުންވާ ގައުމެއް ކަމަށް ވިޔަސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތު ޓައިވާނާ މެދު ވެސް ހުރީ ކުރީގެ ސަރުކާރުތަކާ ފުށު އަރާ ގޮތަކަށެވެ. ދާދި ފަހުން ޓްރަމްޕް ވަނީ ޓައިވާނުން އެމެރިކާގެ ޗިޕުން ވައްކަން ކުރާކަމުގެ ތުހުމަތު އަޅުވާފަ އެވެ. އެހެންކަމުން ޓައިވާނުން ވެސް ވަނީ އެމެރިކާގެ އިންތިޚާބުގައި ޓްރަމްޕް ހޮވިދާނެތީ ކަންބޮޑުވެފަ އެވެ.
ލެޓިން އެމެރިކާ
އެމެރިކާގެ އަވަށްޓެރި ގައުމުތަކުން ވެސް މާދަމާގެ ވޯޓާމެދު ޚާއްސަ ސަމާލުކަމެއްދެ އެވެ. އިމިގްރޭޝަނާއި ވިޔަފާރީގެ މައްސަލަތަކުގައި އެ ގައުމުތަކަށް ވެސް އޮތް ނުތަނަވަސް ކަމަކީ އިންތިޚާބުގެ ނަތީޖާ ޑޮނަލްޑް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ކާމިޔާބުވުމެވެ. އެފަދަ ހާލަތެއްގައި އެހިސާބުގެ ގިނަ ގައުމުތަކަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް އެމީހުން ދެކެ އެވެ.
އެފްރިކާ
އެފްރިކާގެ ގައުމުތަކަށް ވެސް އެމެރިކާގެ ވޯޓުގެ މުހިންމުކަން ގުޅެނީ ޓްރަމްޕާ އެވެ. ޓްރަމްޕް ވެރިކަމަށް އަތުވެއްޖެނަމަ އެފްރިކާގެ ގައުމުތަކަށް އެމެރިކާއިން ދެމުންގެންދާ އެހީގެ ބޮޑު ބައެއް ކަނޑާލާނެ ކަމަށް ބެލެވެ އެވެ.
ދުނިޔެ އެމެރިކާގެ ވޯޓަށް ލޯ ހުއްޓިފައިވާއިރު އިންތިޚާބުގައި ވާދަކުރާ ދެކެންޑިޑޭޓުންގެ ތެރެއިން ކާމިޔާބުކުރާނީ ކޮން ކެންޑިޑޭޓެއްކަން ބުނަން ނޭނގޭހާ ޚިޔާލު ހޯދުމުގެ ނަތީޖާ ގާތެވެ. ކޮންމެ ގޮތަކަށް ނަތީޖާ ދެއްކި ކަމަށް ވިޔަސް އެ ނަތީޖާއިން އަސަރުކުރާނީ ހަމަ އެކަނި އެމެރިކާއަކަށް ނޫނެވެ.
އެމެރިކާގެ ރައީސް ކަމަށް ހޮވޭ މީހެއްގެ ސިޔާސަތުގެ އަސަރު މުޅި ދުނިޔެއަށް ކުރާނެ އެވެ. އެ އަސަރު ތަފާތު ގޮތަކަށް ނުވަތަ ހީކޮށްލަން ވެސް ނޭނގޭ ގޮތަކަށް ބަދަލުވެގެންދާނީ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް ހޮވިއްޖެނަމަ އެވެ. އެހެންކަމުން ދުނިޔޭގެ ލޯތައް މިވަގުތު ހުއްޓިފައި ވަނީ ޓްރަމްޕަށެވެ.
މިހެންވީމަތާ އެމީހުން މުޅި ދުނިއޭގަ އެމީހުން ބޮޑާހާކަނީ