މަޝްހޫރު އެނިމޭޓަޑް ފްރެންޗައިޒް "އައިސް އޭޖް"ގެ ހަވަނަ ފިލްމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހޮލީވުޑްގެ ހަބަރުތައް ބުނެފި އެވެ.

އެގޮތުން މިފަހަރުގެ ފިލްމުގައި އެ ފްރެންޗައިޒްގެ ކުރީގެ ފިލުމުތަކުގައި ހަރަކާތްތެރިވި ބައެއް ތަރިން މެދުކެނޑުމަކަށްފަހު އަލުން އެ ފްރެންޗައިޒްއާ ގުޅޭނެ ކަމަށް ބުނެވެ އެވެ. އޭގެ ތެރޭގައި ކުއީން ލަތީފާ، ރޭ ރޮމާނޯ އަދި ޖޯން ލެގިއުޒިމޯ ހިމެނެ އެވެ.

ޑިޒްނީގެ ހުރިހާ ސޯޝަލް މީޑިއާ އެކައުންޓެއް މެދުވެރިކޮށް އާއްމުކޮށްފައިވާ ވީޑިއޯއެއްގައި ރޮމާނޯގެ އިތުރުން ޖޯންއާއި ލަތީފާ ވެސް ފެނިގެންދެ އެވެ.

މި ފިލްމުގެ ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތް މިހާރު ކުރިއަށްދާއިރު އެ ފިލްމު ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވަނީ 2026 ވަނަ އަހަރު އެވެ.

މިއާއެކު އައިސް އޭޖް 6 ވެގެންދާނީ 2019 ވަނަ އަހަރު ޑިޒްނީއިން 20 ސެންޗަރީ ފޮކްސް ގަތުމަށްފަހު ސިނަމާތަކަށް ނެރޭ ފުރަތަމަ ފިލްމަށެވެ.

އައިސް އޭޖް ފްރެންޗައިޒްގެ ފަސް ފިލްމެއް މިހާތަނަށް ނެރެފައވާއިރު އެ ހުރިހާ ފިލްމަކަށް ވެސް އާއްމުންގެ ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.