ޓޫރިސްޓު ވިސާގައި ރާއްޖެ އަންނަ މީހުންނަށް 19 ސިނގިރޭޓުގެ ފޮއްޓެއް ގެނެވޭ ގޮތަށް އޮތް އުސޫލު 200 ސިނގިރޭޓަށް ނުވަތަ 10 ފޮއްޓަށް ބަދަލުކޮށްފި އެވެ.

ޓޫރިސްޓުންނަށް ސިނގިރޭޓް ރާއްޖެ ގެނެވޭ އަދަދު މަދުކުރަން ސަރުކާރުން ނިންމީ ދުންފަތް ނުވަތަ ނިކޮޓިން އެކުލެވޭ ބާވަތްތަކާއި އެފަދަ ތަކެތި ބުއިމަށް ބޭނުންކުރާ އާލާތްތަކުން ޑިއުޓީ އިނާޔަތް ދިނުން ހުއްޓާލުމުންނެވެ.

ޑިއުޓީ އިނާޔަތްތައް ދިނުން ހުއްޓާލުމުން ރާއްޖޭން ބޭރުން އަންނަ ދަތުރުވެރިން ގެންނަ ނިކޮޓިން އެކުލެވޭ ބާވަތްތަައް ކަސްޓަމްސްއަށް ޑިކްލެއާ ކުރަން ޖެހޭ ގޮތަށް ވަނީ އުސޫލު ބަދަލުކޮށްފަ އެވެ.

އުސޫލަށް ގެނައި ބަދަލުގައިވާގޮތުން ފަތުރުވެރިއަކަށް ރާއްޖެ އަންނައިރު ގެނެވޭނީ 19 ސިނގިރޭޓު ހިމެނޭ ފޮއްޓެކެވެ. އަދި އެއަށް ވުރެ އިތުރަށް ގެންނަ ނަމަ ކަސްޓަމްސް އިން އެތަކެތި ހިފަހައްޓާނެ އެވެ. އެ ބަދަލު ގެނައިތާ ދުވަސްކޮޅެއް ފަހުން ކަސްޓަމްސް އިން މިހާރު ވަނީ އުސޫލު ބަދަލުކޮށްފަ އެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު ސާކިއުލާއެއްގައި ވާގޮތުން ޓޫރިސްޓު ވިސާގައި އަންނަ ކޮންމެ މީހަކަށް 200 ސިނގިރޭޓު ގެނެވޭނެ އެވެ.

ކަސްޓަމްސް އިން ބުނީ ޓޫރިސްޓުންނަށް އެތެރެކުރެވޭނީ 200 ސިނގިރޭޓް ނުވަތަ 10 ފޮށި ނުވަތަ 20 ސުއްޓާ ނުވަތަ 250 ގްރާމްގެ ޓޮބޭކޯ އެވެ. އެއަށް ވުރެ ގިނައިން އެތެރެކޮށްފި ނަމަ ކަސްޓަމްސް އިން އެ ތަކެތި ހިފަހައްޓާނެ އެވެ. އަދި އެ މީހުން ރާއްޖެއިން ފުރާއިރު ކަސްޓަމްސްއިން އަނބުރާ އެ ތަކެތި ހަވާލު ކުރާނެ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.