ދުނިޔޭގެ މަގުބޫލު ޕޮޕް ތަރި ޓޭލާ ސްވިފްޓް އޭނާގެ ރަސްމީ ވެބްސައިޓުގައި ފެށި ސިއްރު ކައުންޓްޑައުންގެ ފަހަތުގައިވާ ސިއްރު އެންމެ ފަހުން ހާމަކޮށްފި އެވެ.
ގިނަ ބަޔަކު ކުރަމުންދިޔަ އިންތިޒާރަށް ނިމުން ގެނެސް، ޓޭލާ މިވަނީ ޑިޒްނީ އަދި ޕިކްސާގެ ކާމިޔާބު ފްރެންޗައިޒް "ޓޯއި ސްޓޯރީ 5" އަށް އޮރިޖިނަލް ލަވައެއް ތައްޔާރު ކޮށްދީފައިވާ ކަން ރަސްމީކޮށް އިއުލާން ކޮށްފަ އެވެ.
އަންނަ ހުކުރު ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ މި ލަވައިގެ ނަމަކީ "އައި ނިއު އިޓް، އައި ނިއު ޔޫ" އެވެ. މިއީ ޓޭލާގެ ފަހުގެ އަލްބަމް "ދަ ލައިފް އޮފް އަ ޝޯގާލް" އަށްފަހު އޭނާ ނެރޭ ފުރަތަމަ އާ މިއުޒިކެވެ.
ޑިޒްނީ ސްޓޫޑިއޯސްއިން ހާމަކުރި ގޮތުގައި، މި ލަވައަކީ ފިލްމުގެ އެންމެ މަގުބޫލު އެއް ކެރެކްޓާ ކަމަށްވާ ކައުގާލް "ޖެސީ"ގެ ދިރިއުޅުމުގެ ދަތުރަށް ތައްޔާރު ކޮށްފައިވާ ލަވަ އެކެވެ.
މި ލަވައިގެ އެންމެ ހާއްޞަ ކަމަކީ، މިއީ ޓޭލާ ސްވިފްޓް އޭނާގެ ކެރިއަރުގެ ކުރީކޮޅު ފެނިގެންދިޔަ "ކަންޓްރީ މިއުޒިކް" ސްޓައިލަށް އަލުން އެނބުރި އައުމެވެ. މި ލަވަ ލިޔެ ޕްރޮޑިއުސްކޮށްފައިވަނީ ޓޭލާ އާއި އޭނާގެ ގާތް ކޮލަބްރޭޓަރު ޖެކް އެންޓޮނޮފްއާ އެކީގަ އެވެ.
މި އުފާވެރި ހަބަރު ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން ޓޭލާ ބުނީ މިއީ އޭނާގެ ކުޑައިރުގެ ބޮޑު ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ.
"އަހަރެންގެ އުމުރުން އެންމެ 5 އަހަރުގައި ފުރަތަމަ ޓޯއި ސްޓޯރީ ފިލްމު ބެލީއްސުރެ، މި ކެރެކްޓާތަކަށް ލަވައެއް ލިޔުމަކީ އަހަރެން އަބަދުވެސް ދެކެމުންދިޔަ ހުވަފެނެއް." ޓޭލާ ލިޔެފައިވެ އެވެ.
ފިލްމުގެ ޑައިރެކްޓަރު އެންޑްރޫ ސްޓެންޓަން ވެސް ވަނީ ޓޭލާގެ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އޭނާ ބުނިގޮތުގައި ޓޭލާ ވަނީ ޖެސީގެ އިހުސާސްތައް ވަރަށް ފުރިހަމައަށް ދެނެގަނެ ފިލްމާ މުޅިން ގުޅޭފަދަ އަސަރުގަދަ މިއުޒިކެއް ގެނެސްދީފަ އެވެ.
"ޓޯއި ސްޓޯރީ 5" ސިނަމާތަކަށް އަންނާނީ މި ހިނގާ ޖޫން މަހުގެ 19 ގައެވެ. މިފަހަރުގެ ފިލްމުގައި ވުޑީ، ބަޒް އަދި ޖެސީމެންނަށް ކުރިމަތިލާން ޖެހޭނީ މިޒަމާާނުގެ ޓެކްނޮލޮޖީއާއި ޓެބްލެޓް ފަދަ ވަސީލަތްތަކާ ގުޅޭ ބޮޑު ގޮންޖެހުމަކާ އެވެ.
ޓޭލާގެ ވެބްސައިޓުން މިހާރު ވަނީ މި ލަވައިގެ ހާއްސަ ލިމިޓެޑް އެޑިޝަން ސީޑީތަކަށް (އެކޯސްޓިކް، އޮރިޖިންލް އަދި ޕިއާނޯ ވާޝަން ހިމެނޭ ގޮތަށް) ޕްރީ-އޯޑަރު ކުރަން ހުޅުވާލާފަ އެވެ.
ހެނދުނާއި ހަވީރުގެ ސައިން ސިއްހަތާއި ނިންޖަށް ކުރާ އަސަރު!
ކުރީގެ ހަ ރައީސުންގެ ވީއައިޕީ ވެއިޓަރު ހަލީމް ނިޔާވެއްޖެ
ބޭސް ކެޔަސް ވައިގެ މައްސަލަތައް ހައްލު ނުވަނީ ކީއްވެ؟