އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ޗެލްސީ އާއި ލީޑްސް ޔުނައިޓަޑް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. މީގެ ތެރެއިން ޗެލްސީ އަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ޓީމުން ވަނީ ފުރުސަތުތައް ބޭކާރުކޮށްލައިފަ އެވެ.

މި މެޗުން ލިބުނު ޕޮއިންޓާއެކު، ހަތަރު ވަނައިގައި އޮތް ޗެލްސީން ވަނީ ފަސް ވަނައިގައި އޮތް ވެސްޓް ހޭމްގެ މައްޗަށް ތިން ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ.

މިއީ ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް އެ ޓީމާ ހަވާލުވި ފަހުން ދަމަހައްޓަމުންދާ ބަލިނުވުމުގެ ސިލްސިލާ އަށް އިތުރުވި މެޗެކެވެ.

މެޗަށް ފަހު ޓުޗެލް ބުނީ މި މެޗުގައި ޗެލްސީން ގިނަ ފުރުސަތުތަކެއް ބޭކާރުކޮށްލި ކަމަށެވެ.

"ފުރުސަތުތަކުގެ ބޭނުން ނުހިފަންޏާ، މި ކަހަލަ ނަތީޖާތަކާ ކުރިމަތިލާންޖެހޭނެކަން ގަބޫލްކުރަންވާނެ،" ޓުޗެލް ބުންޏެވެ.

ލީޑްސްގެ ކޯޗު މާސެލޯ ބިއެލްސާ ބުނީ މި މެޗުން ލިބުނު ޕޮއިންޓާމެދު ހިތްހަމަޖެހޭ ކަމަށެވެ. – ބީބީސީ