ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަގުބޫލު ސީރީޒް "އަނޫޕަމާ"ގެ ލީޑު އެކްޓްރެސް ރުޕާލީ ގަންގޫލީ އޭނާގެ ދޮން ދަރިފުޅަށް އަބުރުގެ ދައުވާ ކޮށްފި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ރުޕާލީ ވަނީ އޭނާގެ ވަކީލުން މެދުވެރިކޮށް ދޮން ދަރިފުޅު އިޝާ ވަރުމާއަށް އަބުރުގެ ނޯޓިސް ފޮނުވާފަ އެވެ. އެގޮތުން ރުޕާލީއަށް ލިބުނު ގެއްލުމުގެ ބަދަލުގައި 50 ކްރޯޑް އިންޑިއާ ރުޕީސް ދިނުމަށް އެ ނޯޓިސްގައި އިޝާއަށް އަންގާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

އިޝާ ވަނީ މީގެ ދުވަސްތަކެއް ކުރިން ފާޅުގައި އޭނާގެ ދޮން މަންމައަށް ތުހުމަތުތަކެއް ކޮށްފަ އެވެ. އެގޮތުން އޭނާގެ ބައްޕަ އަޝްވިން ވަރްމާ އޭނާގެ މަންމަ ސަޕްނާއާ ކައިވެނި ކޮށްގެން އުޅުނުއިރު ކައިވެނީގެ ބޭރުން ބައްޕައާ ގުޅުން ބޭއްވި ކަމަށް އިޝާ ބުނެފައިވެ އެވެ.

އިޝާގެ މިހެން ބުނުމާއެކު އަޝްވިން ވަނީ އެކަން ދޮގުކޮށް ރުޕާލީގެ ދިފާއުގައި ބަޔާނެއް ނެރެފަ އެވެ. އެހެން ނަމަވެސް އޭގެ ފަހުން ވެސް އެ އާއިލާގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް ބަދަލު ކުރެވުނެވެ.

ރުޕާލީއަކީ އިންޑިއާގެ ޓީވީ ސީރީޒްތަކުގެ ޗާޓުގައި މިވަގުތު ރަސްކަން ކުރަމުން އަންނަ "އަނުޕަމާ"ގެ ލީޑު އެކްޓަރެވެ. އެ ސީރީޒްގައި އޭނާ ދައްކުވައިދެނީ ވަރަށް ގެވެހި އަނތްބެއްގެ ރޯލެވެ.