އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް ދިނުމުގެ އުސޫލު ބަދަލުކޮށް، މާލީ ގޮތުން ތަނަވަސް މީހުނަށް އިނާޔަތް ނުދޭ ގޮތަށް އެ ސްކީމަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވެ، އަހަރަކަށް ފަހު އަހަރެއް ދައުލަތުން އަސާސީ ޕެންޝަނަށް ކުރާ ހަރަދު ބޮޑުވާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، މިދިޔަ އަހަރު އުމުރުން ދުވަސްވީ މީހުންނަށް ދޭ އެލަވަންސަށް 1.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. އަދި ދައުލަތުގެ ވަޒީފާއިން ރިޓަޔާކުރާ ފަރާތްތަކަށް ބަޖެޓުން 298 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ވާއިރު، އަންނަ އަހަރު 1.5 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މި ހަރަދު ދެމެޓެހެއްނިވި ގޮތެއްގައި ހިންގުމަށް، ފޯރުންތެރިކަމަށް ބަލައި އެންމެ މަދުން އާމްދަނީ ލިބޭ މީހުންނަށް އެކަނި މި ޕެންޝަން ދިނުމަށް ނިންމާފައިވާ ކަމަށް ބަޖެޓު ފޮތުގައި ލިޔެފައިވެ އެވެ. އެ ގޮތަށް އަމަލުކުރަން ފަށާނީ އަންނަ އޭޕްރީލު މަހުން ފެށިގެންނެވެ.
އެންމެ މަދުން އާމްދަނީ ލިބޭ މީހުންގެ ގޮތުގައި ބަލާނީ ކިހާ ވަރަކަށް ލިބޭ މީހުން ކަމެއް ސަރުކާރުން ބުނެފައެއް ނެތެވެ.
އަލަށް ރިޓަޔަވާ ފަރާތްތަކަށް ހަމަހަމަ އުސޫލެއްގެ ދަށުން ޕެންޝަންގެ އިނާޔަތްތައް ދިނުމަށްޓަކައި ގެންނަން ޖެހޭ ގާނޫނީ ބަދަލުތައް އެކުލަވައިލުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
މިގޮތަށް ބަދަލުކުރުމުން، ޕެންޝަންގެ އިނާޔަތް ބަދަލުވާނީ ޓާގެޓް ޕެންޝަން ނިޒާމަކަށް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ރަންގަޅު ފިޔަވަޅެއް
ރިޕްލައި