އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ތިބި ލިވަޕޫލްގެ ދެ ޑިފެންޑަރުން ކަމަށްވާ ވާޖިލް ވެން ޑައިކާއި ޖޯ ގޯމޭޒް މި އަހަރު އޮންނަ ޔޫރޯ އަށް ފިޓުނުވެދާނެ ކަަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ވެން ޑައިކަށް އަނިޔާވީ މިިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. ގޯމޭޒަށް އަނިޔާވީ ނޮވެމްބަރު މަހު އެވެ. މި ދެ ކުޅުންތެރިން ނުލައި ކުޅެންޖެހުމުން، ލިވަޕޫލަށް ވަނީ ގިނަ މައްސަލަތައް ކުރިމަތިވެފަ އެވެ.

ވެން ޑައިކާއި ގޯމޭޒް ވަނީ ރިކަވަރީގެ މަސައްކަތް މިހާރު ފަށައިފަ އެވެ. އެކަމަކު ކްލޮޕް ބުނީ މި ދެ ކުޅުންތެރިން ޔޫރޯ އަށް ފިޓުވާނެކަމުގެ ޔަޤީންކަމެއް ނެތް ކަމަށެވެ.

"ޖޯ (ގޯމޭޒް) އަދި ދުވާކަށް ނުފަށާ. އެކަމަކު ވެން ޑައިކް މިހާރު ދުވަން ފަށައިފި. އެކަމަކު އަހަންނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ދެ ކުޅުންތެރިން ޔޫރޯ އަށް ފިޓުވުމަކީ އުނދަގޫ ކަމެއް،" ކްލޮޕް ބުންޏެވެ. "އަހަރަމެން އުންމީދު ކުރަނީ (އަންނަ ސީޒަންގެ) ޕްރީ ސީޒަނަށް ދެ ކުޅުންތެރިން ފިޓުވުން."

ކްލޮޕް ބުނީ ޖެނުއަރީ މަހު އަނިޔާވި ޑިފެންޑަރު ޖޯލް މަޓިޕް ވެސް ފިޓުވާނެ ކަމަށް ބެލެވެނީ ޕްރީ ސީޒަނަށް ކަމަށެވެ. – ބީބީސީ